ޗެމްޕިއަންސް ލީގުގައި ރޭ ފެޔަނޫޑްއާ ދެކޮޅަށް ކުޅެ ބޮޑު ތަފާތަކުން ބާސެލޯނާ ކުރިހޯދި މެޗުގައި، އުމުރުން އެންމެ 19އަހަރުގެ ލަމީން ޔަމާލް އެ ކުލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ، ބާސާގެ ތާރީޚުގައި މިހާތަނަށް ކެޕްޓަންކަން ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު އޭނާ މުގުރާލައިފިއެވެ.
ޔުއެފާގެ މި މުބާރާތުގައި 5-1ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މި މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ސްޕެއިންގެ ހުނަރުވެރި ފޯވާޑަށް ޓީމުގެ ލީޑަރުކަން ލިބުނީ، މެޗުގެ 71ވަނަ މިނެޓުގައި ބާސާގެ ފުރަތަމަ ކެޕްޓަން ރަފީނިއާ ކުޅުމުން ބޭލުމުންނެވެ. ބަދަލު ކުޅުންތެރިއަކު އެރުވުމަށް ރަފީނިއާ ދަނޑުން ފޭބިއިރު، އޭނާ ވަނީ ޔަމާލްއާ ކެޕްޓަން ބޭންޑް ހަވާލުކޮށްފައެވެ.
އުމުރުން 19އަހަރާއި 58ދުވަހުގައި ޔަމާލް މި ހޯދި ޝަރަފާ އެކު، މީގެ ކުރިން ބޯޔަން ކާކިޗް އަތުގައި އޮތް ރެކޯޑު ވަނީ މާޒީވެފައެވެ. ބޯޔަން އެންމެ ފުރަތަމަ ބާސެލޯނާގެ ކެޕްޓަންކަން ކޮށްފައި ވަނީ 2010ވަނަ އަހަރު ކުޅުނު ސްޕެނިޝް ކަޕްގެ މެޗެއްގައި އުމުރުން 20އަހަރުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.