ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނަސްލީ ފުރައްސާރައިގެ ގިނަ ހަމަލާއާ ކުރިމަތިލާންޖެހުނު: ޔަމާލް

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިން އަދި ބާސެލޯނާގެ އުންމީދީ ފޯވާޑް ލަމީން ޔަމާލްގެ ކުރު ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އެއްހާހަށް ވުރެ ގިނަ ފަހަރު ނަސްލީ ތަފާތުކުރުންތަކާއި ފުރައްސާރަތަކުގެ ޝިކާރައަކަށް ވެފައިވާކަން އޭނާ ހާމަކޮށްފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން އުމުރުން އެންމެ 17އަހަރުގެ ކުޅުންތެރިޔާ ބުނެފައި ވަނީ، ގިނަ ފަހަރަށް މީހުން ނަސްލީ ތަފާތުކުރުންތައް ގެންގުޅެނީ އެކަން އެނގިގެން ގަސްތުގައި ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ބޭނުންކުރެވޭ ބަސްތަކާއި، މީހުންނާ ދިމާއަށް ބަލާ ބެލުންތަކުގައި ވެސް ސީދާ ނޫން ގޮތްގޮތަށް ނަސްލީ ތަފާތުކުރުން އެކުލެވިގެންވާކަން އޭނާ ފާހަގަކުރިއެވެ. 

ފަހަކަށް އައިސް ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބަރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗެއްގައި ސަޕޯޓަރުންގެ ފަރާތުން އައި ނަސްލީ ހަމަލާތަކަށް އިޝާރާތްކޮށް ޔަމާލް ބުނީ، އޭނާއަކީ ކަޅު ނަސްލުގެ މީހެއްކަމަށް ބުނެ ގޮވާ ގޮވުންތަކުން ދެރަނުވާކަމަށެވެ. އެހެން ނަމަވެސް، އެފަދަ ބަސްތައް ބޭނުންކުރަނީ އަނެކާއަށް ހިތްދަތިކަމެއް ދިނުމުގެ ނިޔަތުގައި ނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ދަނޑުމަތީގައި ކިތަންމެ ގޯސްކޮށް ސަޕޯޓަރުން އަމަލުކުރި ނަމަވެސް، އެމީހުންނަކީ ޓިކެޓު ގަނެގެން ކުޅުން ބަލަން ވަދެ ތިބޭ ބަޔަކަށްވާތީ މެޗުގެ ފޯކަސް ގެއްލުވާނުލާ ކަމަށް ހުނަރުވެރި ފޯވާޑް ބުންޏެވެ.

ޔޫރަޕްގެ ފުޓުބޯޅައިގައި، ހާއްސަކޮށް ސްޕެއިންގެ ލީގުގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ. މިގޮތުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއަރއަކީ ވެސް މިފަދަ އެތައް ހަމަލާތަކެއް ތަހައްމަލުކުރަމުން އަންނަ ކުޅުންތެރިއެކެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު