ސްޕެއިން އަދި ބާސެލޯނާގެ ޒުވާން ފުޓްބޯޅަ ތަރި ލަމީން ޔަމާލްއާ ހުރި އާދަޔާޚިލާފު ވައްތަރުކަމެއްގެ ސަބަބުން، އިންޑިއާގެ ކެރަލާއަށް ނިސްބަތްވާ 15އަހަރުގެ ސްކޫލް ކުއްޖަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ކޮއްލަމް ޑިސްޓްރިކްޓްގައި ދިރިއުޅޭ ގްރޭޑް 10ގެ ދަރިވަރު އެލަން ޖޭމްސް އާންމުންގެ ތެރޭގައި ވައިރަލްވެގެން ދިޔައީ، އޭނާގެ މޫނުމަތީގެ ސިފަތަކާއި ހިނިތުންވުމުގެ އިތުރުން އިސްތަށިގަނޑުވެސް ޔަމާލްއާ އެއްގޮތްކަން ދައްކުވައިދޭ ކުރު ވީޑިއޯއެއް އިންސްޓަގްރާމްގައި އާންމުވުމާ ގުޅިގެންނެވެ. އެންމެ ފުރަތަމަ މިކަން ފާހަގަކުރީ އޭނާއާއެކު ކިޔަވާ ކުދިންނާއި ރަހުމަތްތެރިންނެވެ. މިހާރު މި ވީޑިއޯއަށް މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން އަންނަނީ އޭނާއަށް ތަފާތު ސަމާސާ ނަންތައް ދެމުންނެވެ.
އިންޑިއާގެ މަޝްހޫރު ނޫސް އެޖެންސީއެއް ކަމަށްވާ އޭއެންއައި އިން ވަނީ، ބާސެލޯނާގެ ޖާޒީއެއް ލައިގެން އެލަން ފުޓްބޯޅަ ކުޅެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދާދި ފަހުން އާންމުކޮށްފައެވެ. ސިފަ އެއްގޮތްވުމުގެ އިތުރުން، އެލަންއަކީ ވެސް ފުޓްބޯޅައަށް ފޯރިހުންނަ ކުއްޖެކެވެ. އެގޮތުން އޭނާ އަންނަނީ އަމިއްލަ ސްކޫލްގެ ފުޓްބޯޅަ ޓީމުގައި ޑިފެންޑަރެއްގެ މަގާމަށް ކުޅެމުންނެވެ.
މި ކުއްލި މަޝްހޫރުކަމާއެކު އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މަދު ދުވަސްކޮޅެއް ތެރޭގައި އެތައް ގުނައަކަށް އިތުރުވެފައިވާއިރު، ވިޔަފާރިތައް ހުޅުވުމަށާއި އެކި ކަހަލަ ހަފްލާތަކަށް އޭނާއަށް މިހާރު ދަނީ ދައުވަތު ލިބެމުންނެވެ. ނަމަވެސް، ޔަމާލްއާ ސިފަ އެއްގޮތްވި ކަމުގައިވިޔަސް އެލަން އެންމެ ސަޕޯޓްކުރާ ކުޅުންތެރިއަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. މިހާރު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ލިބުނު މަޝްހޫރުކަމުގެ ސަބަބުން ތައުލީމަށް ހުރަސްއެޅުނަ ނުދީ، ކިޔެވުމަށް ސަމާލުކަން ދީގެން ކުރިއަށް ދިއުމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.