ސްޕެއިންގެ ގަދަބާރު ބާސެލޯނާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން، ކުލަބުގެ ރައީސް ޖޯން ލަޕޯޓާ، މި ހިނގާ ސީޒަނުގައި އެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން ހޯދަން ބޭނުންވާ ތަށްޓަކީ ޔޫއެފާ ޗެމްޕިއަންސް ލީގުކަން ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.
ލަޕޯޓާ ފާހަގަކުރެއްވި ގޮތުގައި، އޭނާ ކުލަބުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު، މިއަހަރު ޓީމު ވަނީ އާދަޔާ ހިލާފަށް ވަރުގަދަކުރެވިފައެވެ. އަދި ޑޮމެސްޓިކް މުބާރާތްތައް ކަމަށްވާ ލަލީގާއާއި ކޮޕާ ޑެލްރޭގެ އިތުރުން ސްޕެނިޝް ސުޕަކަޕަށް ވާދަކުރި ނަމަވެސް، މުޅި ޓީމުގެ މިސްރާބު ހުރީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށާއި، މިހާރު އޮތް ސްކޮޑަކީ އެ ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ލަޕޯޓާ ވިދާޅުވީ، ކޯޗިން ސްޓާފުން ބޭނުންވެއްޖެ ހިނދެއްގައި އިތުރު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ބޯޑުން ކުރިއަށް ގެންދާނެ ކަމަށެވެ. މިގޮތުން، އެތްލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ތަރި ހޫލިއަން އަލްވަރޭޒް ގަތުމަށް 100މިލިއަން ޔޫރޯގެ ބޮޑު ހުށަހެޅުމެއް ފޮނުވިކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އެތްލެޓިކޯއިން އެ ހުށަހެޅުން ގަބޫލުނުކުރި ނަމަވެސް، ޖެނުއަރީ މަހު އަލުން އެ ޑީލް ކާމިޔާބުކުރަން ބާސެލޯނާއިން މަސައްކަތްކުރާނެކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބާސެލޯނާއިން ވަނީ މި ސީޒަނާ ދިމާކޮށް ކުޅުންތެރިން ވިއްކައިގެން 100މިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދައި، އާ ކުޅުންތެރިންގެ ސޮއި ހޯދުމަށް 200މިލިއަނަށް ވުރެ ގިނަ ޔޫރޯ ހޭދަކޮށްފައެވެ. ކުލަބުގެ އާމްދަނީއަށް އައި މި ހެޔޮ ބަދަލާ އެކު، ސްޕެނިޝް ލީގުން ކަނޑައަޅާފައިވާ މުސާރައިގެ އުސޫލުތަކުގެ ތެރެއިން ބާސެލޯނާއަށް ލިބިފައިވާ ޖާގަ މިހާރު ވަނީ ގާތްގަނޑަކަށް 600މިލިއަން ޔޫރޯއަށް އިތުރުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.