ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ އަށް އައި އެއް މެޗުގެ ސަސްޕެންޝަން ފަސްކޮށްދޭން ފީފާ އިން ނިންމުމާ ގުޅިގެން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މި ނިންމުމުގެ ސަބަބުން ގަދަ 16ގެ ބުރުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ބަލޯގަންއަށް ކުޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.
މުބާރާތުގެ ގަދަ 32ޓީމުގެ ބުރުގައި ބޮސްނިއާ-ހެރްޒެގޮވީނާ އަތުން 2-0އިން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަން\ އަށް ރަތްކާޑު ދެއްކީ ބޫޓުގެ ދަށްފުށުން ނުރައްކާތެރި ޓެކުލެއް ކުރުމުންނެވެ. އެމެރިކާއިން މި މައްސަލަ އިސްތިއުނާފު ކުރުމުން ފީފާ އިން ވަނީ އެ ޖަމިއްޔާގެ ޑިސިޕްލިނަރީ ގަވާއިދުގެ 27ވަނަ މާއްދާގެ ދަށުން ސަސްޕެންޝަން ފަސްކޮށްދީފައެވެ. މިހާރު ނިންމާފައިވާ ގޮތުން ނަމަ، ބަލޯގަންގެ ސަސްންޝަން ތަންފީޒުވާނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ އެފަދަ ކުށެއް ތަކުރާރުކޮށްފި ނަމައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފީފާއިން މިގޮތަށް ނިންމީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ގުޅުއްވައި އެދިވަޑައިގަތުމުންނެވެ.
މި މައްސަލައިގައި ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނީ، ފީފާގެ މި ނިންމުމަކީ ނުރައްކާތެރި ރޮނގެއް ހުރަސްކުރުން ކަމަށެވެ. ރަތްކާޑުގެ ސަބަބުން ލިބޭ ސަސްޕެންޝަނަކީ އޮޓޮމެޓިކުން ލިބޭ އަދަބެއް ކަމަށާއި، އެއީ ބަދަލުކުރެވޭނެ ނުވަތަ ފަސްކުރެވޭނެ ކަމެއް ނޫން ކަމަށް ޔުއެފާ އިން ބުންޏެވެ.
"މިއީ އެއްވެސް ޑިސިޕްލިނަރީ ކޮމިޓީއެއްގެ ރުހުން ހޯދައިގެން ދޭ އަދަބެއް ނޫން. ރަތްކާޑާ އެކު އޮޓޮމެޓިކުން ލިބޭ އަދަބެއް" ޔުއެފާގެ ބަޔާނުގައިވެއެވެ.
ޔުއެފާ އިން އިތުރަށް ބުނީ ބޮޑު މުބާރާތެއްގެ މެދުތެރެއިން އުސޫލުތައް ބަދަލުކުރުމަކީ، މުބާރާތުގައި ސަސްޕެންޝަން ތަންފީޒުކޮށްފައި ތިބި އެހެން ކުޅުންތެރިންނަށް ލިބޭ ބޭއިންސާފެއް ކަމަށެވެ. އަދި ފުޓްބޯޅައަކީ ހުރިހާ ތަނެއްގައި ވެސް އެއް ގަވާއިދަކަށް ކުޅޭ ކުޅިވަރަކަށް ވާތީ މަގުބޫލު ކުޅިވަރަކަށް ވެފައިވާ އިރު، މިގޮތަށް އަމަލުނުކުރެވޭ ނަމަ ފުޓްބޯޅަ އަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި މައްސަލަ ފެންމަތިވިއިރު، ފީފާގެ ރައީސް އިންފަންޓީނޯ ވަކި ގައުމަކަށް ޖެހިފައިވާ ކަމަށް ބުނެ ފާޑުކިއުންތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ވޯލްޑް ކަޕަށް އެމެރިކާ އަށް ދިޔަ ސޯމާލިއާގެ ރެފްރީ އެ ގައުމަށް އެތެރެވިޔަނުދިން މައްސަލަ ފީފާ އިން އޮއްބާލި ނަމަވެސް، ޔުއެފާއިން ވަނީ އެ ރެފްރީ އަށް ޔުއެފާ ސުޕަ ކަޕުން ފުރުސަތު ދީފައެވެ. މީގެއިތުރުން، އިންފަންޓީނޯ ވަނީ ދާދި ފަހުން ޓްރަމްޕަށް ހާއްސަކޮށްގެން ތައާރަފުކުރި "ޕީސް އެވޯޑް"އޭނާ އަށް އަރުވައިފައެވެ. އަދި ވޯލްޑް ކަޕަށް އެމެރިކާގައި ހެދި ފީފާގެ ވަގުތީ އޮފީސް ވެސް ގާއިމްކޮށްފައި ވަނީ ޓްރަމްޕުގެ އިމާރާތެއްގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.