19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އަތުން 7-0ގެ ނަތީޖާއަކުން ބަލިވެ ކެޔޮދޫއަށް މުބާރާތުގެ ފައިނަލްގެ ދޮރު ބަންދުވެފައިވާއިރު، ތަށީގެ ރޭސް ތިން ކުލަބަކަށް މިހާރު ވަނީ ހަނިވެފައެވެ.
ކެޔޮދޫއަށް ބާކީ އޮތް މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް އެންމެ ގިނަވެގެން ލިބޭނީ 6ޕޮއިންޓެވެ. ނަމަވެސް ތާވަލުގެ ކުރީގައި އޮތް ތިން ޓީމުން ވަނީ އެއަށް ވުރެ ގިނަ ޕޮއިންޓް މިހާރު ވެސް ކަށަވަރުކޮށްފައެވެ. އެގޮތުން ފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު އޮތީ 10ޕޮއިންޓް ހޯދާފައިވާ މާޒިޔާއާއި އޮޑީގެ އިތުރުން 8ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓަށެވެ.
މިއަދުގެ މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ މުހައްމަދު އިލާން އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ ފުރަތަމަ ގޯލަކީ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލި ހިތްގައިމު ލަނޑެކެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ ކެޔޮދޫގެ ޑިފެންޑަރު މުހައްމަދު ޝައްމާހު ކައިރިން ނައްޓާލުމަށް ފަހުއެވެ. މާޒިޔާގެ ތިންވަނަ ލަނޑު އަނޫފް ޖަހައިދިންއިރު، މިއީ އިލާންއާއި ނަހީކް އަހުމަދު ނިޔާޒް ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލި ބޯޅައެކެވެ. މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ނައްސާހު އިބްރާހީމް ނާސިރެވެ.
އެ ޓީމުގެ ފަސްވަނަ ގޯލަކީ އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަހީކް ޖެހި ލަނޑެކެވެ. މެޗުގައި އިލާންގެ ހެޓްރިކް ފުރިހަމަކުރީ މާޒިޔާގެ ހަވަނަ ގޯލުންނެވެ. އަދި އޭނާގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގައި ކެޕްޓަން ބޭންޑާއެކު ކުޅެމުންދިޔަ ވަގުތު ޖެހީ ކީޕަރު ކައިރިންވެސް ނައްޓާލުމަށް ފަހުގައެވެ. މާޒިޔާގެ ގިނަ ލަނޑުތަކެއް އުފެއްދުމުގައި މިއަދު އިލާންގެ ދައުރު ވަރަށް ބޮޑެވެ.
ލީގު ބުރުގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު، މާޒިޔާ އަދި އޮޑިއަށް ވެސް ހަތަރު މެޗުން ވަނީ 10ޕޮއިންޓް ލިބިފައެވެ. ފަހު މެޗުގައި މި ދެ ޓީމު ބައްދަލުކުރާއިރު، އޭގެ ކުރިން ނިއުރޭޑިއަންޓް ނުކުންނާނީ ބުރޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން ނިއު އަށް މޮޅުނުވެވިއްޖެ ނަމަ، ފަހު މެޗަށް ނުކުތުމުގެ ކުރިން މާޒިޔާ އަދި އޮޑިއަށް ފައިނަލުގެ ޖާގަ ޔަގީންވާނެއެވެ. ނަމަވެސް ނިއު މޮޅުވެއްޖެ ނަމަ، ފައިނަލަށް ދާނެ ދެ ޓީމެއް ކަށަވަރުވާނީ މާޒިޔާއާއި އޮޑި ކުޅޭ މެޗުގެ ނަތީޖާއިންނެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ، މަތީގައި އޮތް ތިން ޓީމު ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.