އާދީއްތަ ދުވަހުގެރޭ ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުތްއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނައީ، ކުރިއަށް އޮތް ފައިނަލް މެޗަށް ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމުކުރަން ވަގުތު ދިނުމުގެ މަގުސަދުގައި ކަމަށް އެ ޓީމުގެ ހެޑް ކޯޗު ފްރެންސިސްކޯ މެނުއަލް ޕަލްމޭރޯ ހާމަކޮށްފިއެވެ.
ލީގު ބުރުގެ އެއްވަނަ ޓީމުގެ ޝަރަފާ އެކު ފައިނަލުގެ ޖާގައެއް ކުރިންވެސް ކަށަވަރުކޮށްފައިވާ ނިއުރޭޑިއަންޓުން މާޒިޔާއާ ދެކޮޅަށް ކުޅުނު މި މެޗު ނިމުނީ 1-1އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗު ނިމުމުން "ޕީއެސްއެމް ނިއުސް"އަށް މައުލޫމާތު ދެމުން ޕަލްމޭރޯ ފާހަގަކުރި ގޮތުގައި، މި ކުރިމަތިލުމަށް ވެސް ނިއުއިން ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގައެވެ. ނަމަވެސް ނަތީޖާ އެއްވަރުވި ކަމުގައިވިޔަސް، ބަދަލުތަކާ އެކު ކުޅެން އެރި ކުޅުންތެރިންގެ ފަރާތުން ފެނުނު ރޫހާއި ޕޮޒިޓިވް ކަންތައްތަކާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
މީގެ އިތުރުން، ޓީމުގެ އެންމެ ނުރައްކާތެރި އެއް ފޯވާޑް ކަމަށްވާ ޑޮލިއަރަންޓް ފަދަ މެޗުގެ އޮއިވަރު ކޮންމެ ހިނދަކުވެސް ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން މި މެޗުގައި ނުކުޅުވީ ގަސްދުގައިކަން ކޯޗު ބަޔާންކުރިއެވެ. އަދި އަންނަ ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި ނިއުގެ ފަރާތުން މުޅިން ތަފާތު މޮޅު ކުޅުމެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ޕަލްމޭރޯ ދިނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.