ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެކޯޑަށް ނިމުން އައިސް ރޫޙް ވަރުގަދަވެއްޖެ: ނިއު

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އެ ޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ދިގު ރެކޯޑަށް ނިމުން ގެނައުމަކީ ކުރިއަށް އޮތް މެޗުތަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް އެ ޓީމުގެ ސްޕެއިން ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ)ހާމަކޮށްފިއެވެ. 

ނިއުއިން 3-2ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރިއިރު، މިއީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ޖެހިޖެހިގެން 46މެޗުން ބަލިނުވެ މާޒިޔާއިން ހަދާފައިވާ ތާރީޚީ ރެކޯޑު ވަނީ މުގުރިގެން ގޮސްފައެވެ. ދިވެހި ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ކްލަބުގެ ކުރިމަތިލުން ނިއުއިން ކާމިޔާބުކުރުމަކީ މި ސީޒަނުގައި އެ ޓީމުން މާޒިޔާގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އަންދްރޭ ފާހަގަކުރި ގޮތުގައި، ސީދާ ލީގަށް ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމުގެ މައްޗަށް ކުރި ހޯދުމަކީ ކުޅުންތެރިންނަށް ލިބުނު ބޮޑު އުފަލެކެވެ. މިއީ އުނދަގޫ މެޗެއްކަން ފާހަގަކުރަމުން އޭނާ ބުނީ، ނިއުއަށް ކާމިޔާބީ ލިބުނީ ދުރާލާ ރާވާފައިވާ ގޭމްޕްލޭނާ އެއްގޮތަށް ކުޅުންތެރިން އަމަލުކުރުމުގެ ސަބަބުން ކަމަށެވެ.

މިއަހަރުގެ ސީޒަނުގައި މީގެ ކުރިން މި ދެ ޓީމު ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ޗެރިޓީ ޝީލްޑް އަދި ކަޕް ވިނާސް ކަޕްގެ މެޗުން މާޒިޔާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނިއުގެ އަމާޒަކީ ކުރިއަށް އޮތް ކޮންމެ މެޗަކުން ވެސް މޮޅުވުންކަން އަންދްރޭ ތަކުރާރުކޮށްފައިވާއިރު، މާޒިޔާއަކީ ފާއިތުވި ފަސް ސީޒަނުގެ ލީގު ޗެމްޕިއަނުންނެވެ. އެހެން ނަމަވެސް، ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މާޒިޔާއިން މިފަހަރުގެ ސީޒަނާ ކުރިމަތިލީ ޓީމުގެ އެވްރެޖް އުމުރު 23އަހަރުން ދަށަށް ތިރިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު