ގައުމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތް މޮޅަކުން ފަށައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ލީގު ޗެމްޕިއަން މާޒިޔާގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބާއި، ބުރު ސްޕޯޓްސް ކްލަބް އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
މެޗު ފެށިގެން ތިންވަނަ މިނިޓުގައި އޮޑީގެ އަޔާޒް އަހުމަދު (އަޔާ)އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، 16 ވަނަ މިނިޓުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނިޓުގައި މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މިޑްފިލްޑަރު އަހުމަދު އައިހަމް މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ނައްސާހް އިބްރާހީމް ނާސިރުއެވެ.
މާޒިޔާއިން ލީޑު ނެގިތާ 10 މިނިޓު ފަހުން، މެޗުގެ 28 ވަނަ މިނިޓުގައި އޮޑިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އެ ޓީމުގެ އަހުޒަމް ރަޝީދު ނަގައިދިން ހުރަހަކުން، އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މުޒްދާން ހަސަން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި މާޒިޔާގެ އިލާން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 67 ވަނަ މިނިޓުގައި މާޒިޔާގެ އައިހަމްއަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ބޭކާރުވި ނަމަވެސް، މެޗުގެ 77 ވަނަ މިނިޓުގައި އޭނާ ވަނީ މާޒިޔާ މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ. އައިހަމް މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ. މި މުބާރާތުގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.