ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރެއިން، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ)ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިސްވެ ހުށަހެޅި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ. މެޗުގެ ތެރެއިން ހިނގި މި ހަމަނުޖެހުމުގައި ސުޒޭރު ދިން ހަމަލާގެ ސަބަބުން ލޫސިއާނޯގެ އަނގަމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މެޗުގެ 76ވަނަ މިނިޓުގައެވެ. ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދުގައި ފެށުނު ކޯޅުމެއް ހޫނުވެ، އެކަން ހުއްޓުވަން ދެ ޓީމުގެ އޮފިޝަލުންނާއި އިތުރު ކުޅުންތެރިން ދަނޑުމައްޗަށް އެރުމާ އެކު ހަމަނުޖެހުން އިތުރަށް ގޯސްވީއެވެ. މިއާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ސުޒޭރުގެ އިތުރުން މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ)އާއި ނިއުގެ އިބްރާހީމް މައިސާނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މެޗު 3-2ގެ ނަތީޖާއަކުން ނިއުއިން ކާމިޔާބުކުރިއިރު، މިއީ ފާއިތުވި ދެ ސީޒަނުގެ ތެރޭގައި މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ނިއު ރޭޑިއަންޓުން ވަނީ ހަރުކަށި އިބާރާތުން ސުޒޭރުގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނެފައި ވަނީ ފުޓްބޯޅައިގެ ރޫހާ ހިލާފު މިފަދަ ޖިސްމާނީ ހަމަލާތަކަށް ކުޅިވަރުގެ ތެރޭގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، މިއީ ކުޅިވަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކްލަބުގެ އެންމެ އިސް ވާޖިބުކަން ފާހަގަކޮށް، މި މައްސަލައިގައި ސުޒޭރަށް އެކަށީގެންވާ އަދަބެއް ދިނުމަށް ގޮވާލައި، ކަމާބެހޭ ޑިސިޕްލިނަރީ ފަރާތްތަކަށް ހެކި ހުށަހަޅާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.