ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގެ ފަހު ވަގުތު ކުޅުންތެރިންގެ ސަމާލުކަން ގެއްލިގެން ނަތީޖާ އަތުން ދޫވެގެންދާ މައްސަލައަށް ހައްލު ހޯދައި އެ ހާލަތު ބަދަލުކުރާނެ ކަމަށް ބުރު ސްޕޯޓްސްގެ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 80ވަނަ މިނެޓާ ހަމައަށް ބުރުން ލީޑުގައި އޮތް ނަމަވެސް، މެޗުގެ ފަހުކޮޅު ހެދުނު ކުދިކުދި ގޯސްތަކެއްގެ ސަބަބުން ނަތީޖާ ވަނީ އެ ޓީމުގެ އަތުން ގެއްލިފައެވެ. ސްޕެއިންގެ ޒުވާން ކޯޗު ރޮޑްރިގޭޒް ފާހަގަކުރި ގޮތުގައި، އެ މެޗުގެ ފުރަތަމަ ހާފުގައި ޓީމުން ދެއްކި ކުޅުމަކީ އޭނާ ބޭނުންވާ ކުރިއެރުން ފެނުނު ކުޅުމެކެވެ.
"މެޗުގެ 80މިނެޓު ވަންދެން ޓީމުން ދެއްކި ކުޅުމާ މެދު އަހަންނަށް ގޯސް އެއްޗެކޭ ނުބުނެވޭނެ. މެޗުގެ 80މިނެޓު އަހަރެމެން ޑޮމިނޭޓް ކުރިން. އެކަމަކު ހެދުނު ދެ ގޯހަކުން، ކުދިކުދި ތަފާތުތަކަކުން މެޗުން މި ބަލިވަނީ"
އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކޯޗު އިތުރަށް ބުނީ މެޗުން މޮޅުވެ ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި މުޅި 90މިނެޓާއި އިތުރު ވަގުތުގައި ވެސް ކުޅުންތެރިން 200ޕަސަންޓު ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި 90މިނެޓު މުޅިން ފޯކަސް ނުކުރެވިއްޖެ ނަމަ މެޗު އަތުން ދޫވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މެޗުގެ ފަހުކޮޅު 1-0އިން ލީޑުގައި އޮންނައިރު މެޗުގެ ޓެމްޕޯ ކޮންޓްރޯލްކޮށް އިދިކޮޅު ޓީމު މަޑުޖައްސާލަން އެނގެންޖެހޭނެ ކަން ފާހަގަކުރަމުން ރޮޑްރިގޭޒް ބުނީ، ތަޖުރިބާކާރު ކުޅުންތެރިން ތިބިނަމަ އެފަދަ ހާލަތްތައް ސަލާމަތްކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ޓީމުގައި ނެތްކަން އެނގިގެން އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ނުކުންނާނީ ގައްދުއާ ދެކޮޅަށެވެ. ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ވެސް މިއަދު ބައްދަލުކުރާ ބުރާއި ގައްދޫ އެކަންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.