ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި، ފައިނަލުގެ ޖާގަ ކުރީބައިގައި ކަށަވަރުކޮށްފައިވާ ދެ ގަދަބާރު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވާދަކޮށް 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، ދެވަނަ ހާފުގެ 63ވަނަ މިނެޓުގައި މާޒިޔާއާ އަލަށް ގުޅުނު ބެނިންގެ މިޑްފީލްޑަރު ކޮޑްޖޯ ގޯމޭޒް ވަނީ އެ ޓީމަށް ކުރިހޯދަދީފައެވެ. އެހެންނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަޙްމަދު ހުސާމް މެޗުގެ 72ވަނަ މިނެޓުގައި ޖަހައިދިން ގޯލާއެކު ނިއު ރޭޑިއަންޓުން ވަނީ ނަތީޖާ ހަމަހަމަކޮށް، މެޗުން ބަލިވިޔަނުދީ ހިފަހައްޓާފައެވެ.
މި މެޗުގެ ނަތީޖާއާ އެކު ލީގު ބުރު ނިމުނުއިރު ދެ ޓީމަށްވެސް ހަތް ޕޮއިންޓް ލިބިފައިވީ ނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނަ ލިބެނީ ނިއު ރޭޑިއަންޓަށެވެ. މުބާރާތުގެ ތިންވަނަ މަގާމު ތިން ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކުލަބަށް ލިބުނުއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލަށް ދިޔައީ ބުރު ސްޕޯޓްސް ކުލަބެވެ. މިއަންނަ ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗަކީ ނިއުއާއި މާޒިޔާ މި ސީޒަނުގައި ބައްދަލުކުރާނެ ތިންވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ މާޒިޔާއިންނެވެ.
18 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ދިވެހި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން އެފްއޭއެމްއިން އަލުން ފެށި ކަޕް ވިނާސް ކަޕަކީ 1995ވަނަ އަހަރު ތަޢާރަފުކޮށް، އެންމެ ފަހުން 2008ވަނަ އަހަރު ބޭއްވި މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ވާދަކޮށްފައި ވަނީ ފާއިތުވި ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާއާއި، އެފްއޭ ކަޕް ކާމިޔާބުކުރި ނިއު ރޭޑިއަންޓާއި، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އަދި ލީގުގެ ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.