19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026ގެ ފައިނަލް މެޗުގައި 4-1ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފެށިގެން 10ވަނަ މިނެޓުގައި އޭދަން އަހުމަދު މޫސާގެ ލަނޑުން މާޒިޔާ ކުރިހޯދާފައިވަނިކޮށް، 73ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ނިއު ރޭޑިއަންޓަށް އުއްމީދެއް ލިބުނީ މެޗުގެ 80ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަހުމަދު ހަމްދާން އަޒްލީން ގޯލެއް ކާމިޔާބުކޮށްދިނުމުންނެވެ. އެހެންނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މާޒިޔާއިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 90ވަނަ މިނެޓުގައި ނައްސާހު އިބްރާހީމް ނާސިރު އަދި އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އަލްހާން ފައިސަލް އަމީން ޖެހި ގޯލުތަކާއެކު މާޒިޔާއިން ވަނީ ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާ އެކު މާޒިޔާއިން މިވަނީ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ތިންވަނަ ފަހަރަށް އުފުލާލާފައެވެ. މީގެ ކުރިން 2011ވަނަ އަހަރު ބޭއްވި 21އަހަރުން ދަށުގެ މުބާރާތާއި މިދިޔަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރީ އެ ކުލަބުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ މުބާރާތް މާޒިޔާއިން ނިންމާލާފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެ، ފުރިހަމަ ރެކޯޑަކާއެކުގައެވެ. ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވިއިރު، ޕޮއިންޓެއް ގެއްލުނީ ހަމައެކަނި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައެވެ.
މިއަހަރުގެ 19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ފައިނަލަށް ދަތުރުކުރި ދެ ޓީމުގެ އިތުރުން ދެން ވާދަކޮށްފައިވަނީ ބުރު ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ކެޔޮދޫ އެވެ. ޖުމްލަ ހަ ޓީމާއެކު މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.