އެފްއޭއެމް އިން ކުރިއަށްގެންދާ 19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026ގައި ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 6-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ޕޮއިންޓް ތާވަލުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނިއު ރޭޑިއަންޓްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިފައިވާއިރު، އެ ޓީމުގެ މުހައްމަދު އިޒާން އަލީ ވަނީ މޮޅު ކުޅުމަކާ އެކު ހެޓްރިކް ފުރިހަމަކޮށްފައެވެ. ނިއުއަށް ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި ޒާކި މުޖުތަބާ ޒާހިރުގެ އިތުރުން އިސްމާއީލް ރާއިފް ވާފިރެވެ. ޓީސީގެ ފަރާތުން ފެނިގެންދިޔަ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޕެނަލްޓީއަކުން މާއިޝް މުހައްމަދު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު އެ ޓީމަށް ޖަހައިދިނީ ރާއިން ހިޝާމެވެ.
ރޭގެ މެޗުން ލިބުނު ފުރިހަމަ ތިން ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ދެވަނައިގައި އޮތީ ހަތަރު މެޗު ކުޅެގެން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ތާވަލުގެ އެންމެ ކުރީގައި 10ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކްލަބު އޮތްއިރު، ތިންވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ތިން މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައިނުވާ ޓީސީ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ މި މުބާރާތް މި މަހުގެ 17ގެ ނިޔަލަށް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ފައިނަލުގެ ޖާގަ ލިބޭނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށެވެ. މުބާރާތުގައި މިރޭ ކެޔޮދޫއާއި މާޒިޔާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެ ނަމަ، ތާވަލުގެ އެއްވަނަ މަގާމަށް އެރުމުގެ ފުރިހަމަ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.