ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުކަމާ ހަވާލުވުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، އަމާޒަކީ އެ ކްލަބަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން އޭނާގެ އެކުވެރިޔާ އޮސްކާ ބްރޫޒޮން ފަދައިން ހުރިހާ ތަށްޓެއް ކާމިޔާބުކުރުން ކަމަށް ކޯޗު ފްރަންސިސްކޯ ކައިންޒޯސް (ކައި)ބުނެފިއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިދިޔަ ހޯމަ ދުވަހު ވާހަކަދައްކަމުން ސްޕެއިންއަށް ނިސްބަތްވާ ކައިންޒޯސް ބުނީ، ރާއްޖެއާއި ނިއުއަށް އައުމުގެ ފުރުސަތު ފަހިވުމުގައި އޮސްކާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ނިއުގެ ކޯޗުކަމަށް ކައިންޒޯސް ހަމަޖެއްސީ ވެސް އޮސްކާގެ ލަފާގެމަތިންނެވެ. އޮސްކާއާ އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ކައިންޒޯސް ބުނީ، ހަފުތާއަކު ދެތިން ފަހަރު މެސެޖުގެ ޒަރިއްޔާއިން ދެ މީހުން ވާހަކަދައްކާ ކަމަށެވެ. އަދި އޮސްކާ އަބަދުވެސް ރާއްޖެއާއި، ކްލަބާއި، ރާއްޖޭގެ ސަޕޯޓަރުންނާ ބެހޭގޮތުން ސުވާލުކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"ދެން އޮތީ އަހަރެންގެ ހުނަރާއި ގާބިލުކަން ދައްކައި މި ބޮޑު ކްލަބަށް ކާމިޔާބީ ހޯދައިދިނުން. އުއްމީދަކީ އޮސްކާ ފަދައިން ހުރިހާ ތަށްޓެއް ކާމިޔާބުކުރުން. އެކަމަކު މިއީ ވަރަށް އުނދަގޫ ކަމެއް" ކައިންޒޯސް ބުންޏެވެ.
ނިއު ރޭޑިއަންޓްގައި އޮސްކާ ހޭދަކުރި ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓެއް އެ ކްލަބަށް ކާމިޔާބުކޮށްދިނެވެ. އިންޑިއާގެ އީސްޓް ބެންގާލަށް މިދިޔަ ސީޒަނުގެ އިންޑިއަން ސުޕަ ލީގު ހޯދައިދިނުމަށް ފަހު އެ ޓީމުން ވަކިވެ، އޮސްކާ މިހާރު އިރުޝާދު ދެމުންދަނީ އިންޑޮނޭޝިއާގެ ސުޕަ ލީގު ކްލަބް، ބަޔަންގްކާރާ ޕްރެސިސީ ލަމްޕުންގް އެފްސީއަށެވެ. ކައިންޒޯސްގެ އިރުޝާދުގެ ދަށުން ނިއުއިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރި ނަމަވެސް، މި ސީޒަނުގެ ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕްގެ ފައިނަލުން އެ ޓީމު ވަނީ މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ.
މި ސީޒަނުގެ ވާދަވެރިކަމާ ބެހޭގޮތުން ވާހަކަދައްކަމުން ކައިންޒޯސް ބުނީ، މި ފަހަރުގެ ސީޒަނުގައި 3، 4ނުވަތަ 5ޓީމެއް އެއް ފެންވަރެއްގައި ފެންނަ ކަމަށެވެ. އަދި މިއީ އެންމެ 18މެޗު އޮތް ކުރު މުބާރާތެއް ކަމުން، އެންމެ މެޗަކުން ބަލިވުން ނުވަތަ އެއްވަރުވުމަކީ ވެސް ލީގު ހޯދުމުގެ އުއްމީދަށް ބޮޑު ހުރަހަކަށް ވެގެންދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.