ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ސެންޓޭއަށް

ޝެއާ ކުރޭ Facebook Telegram Viber X

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ އެފްއޭއެމް އެވޯޑްސް 2026ގައި، ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)އަށް ލިބޭނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޔަގީންކޮށްދީފިއެވެ.

މުޅި ސީޒަނުގައި ކްލަބަށާއި ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި ސެންޓޭ ވަނީ ޖުމްލަ 22ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން 19ލަނޑަކީ ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވެ ނިއު ރޭޑިއަންޓުން ހޯދަމުން އަންނަ ކުރިއެރުންތަކުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ މުހިންމު ލަނޑުތަކެކެވެ. އެގޮތުން، ދިވެހި ޕްރިމިއާ ލީގުގައި 12ލަނޑު އަދި އެފްއޭ ކަޕްގައި 7ލަނޑު ސެންޓޭ ކާމިޔާބުކުރިއިރު، ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ 3ލަނޑު ޖަހައިދީފައެވެ.

ޓޮޕް ސްކޯރާގެ އިނާމު ސެންޓޭއަށް ކަށަވަރުވެފައި އޮތް އިރު މިއަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑަށް ވެސް އޭނާގެ ނަން ވަނީ ހުށަހެޅިފައެވެ.

ދިގު މުއްދަތަކަށްފަހު އެފްއޭއެމް އިން އަލުން ތައާރަފުކޮށްގެން ބާއްވާ މި ކުލަގަދަ ރަސްމިއްޔާތުގައި ފިރިހެން އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، މޮޅު ކުޅުންތެރިންގެ އިތުރުން ފާހަގަކޮށްލެވޭ ކޯޗުންނާއި، ރެފްރީން އަދި ކްލަބްތަކުގެ އަގުވަޒަންކޮށް ޚާއްސަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު