ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ރޭ ބޭއްވި "އެފްއޭއެމް އެވޯޑްސް 2026"ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށްޖަހައި އެ ކުޅިވަރުގެ ހައިބަތު އަނބުރާ ހޯދުމުގެ ވަރުގަދަ މަސައްކަތް ސަރުކާރާއި އެފްއޭއެމް ގުޅިގެން ފަށައިފިކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ހަމައެކަނި ވަސީލަތްތައް ބިނާކުރުމަކުން ކުޅިވަރު ކުރިއަރައި ނުދާނެކަން ފާހަގަކުރައްވައިފައެވެ. އޭގެ ބަދަލުގައި ކުޅިވަރުގެ ކުރިއެރުން ގުޅިފައި ވަނީ ދަނޑުމަތީގައި ކުޅުންތެރިން އޮހޮރުވާ ދަލާއި، ކޯޗުންގެ އައު އީޖާދުތަކާއި، ރެފްރީންގެ އިންސާފުވެރިކަމުގެ އިތުރުން ކުލަބުތައް ހިންގާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާން ކުޅުންތެރިންގެ ހުނަރު ދެނެގަނެ، އެކުދިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ރާފިޢު ވިދާޅުވިއެވެ.
މިއަހަރުގެ އެވޯޑް ހަފުލާގައި ފުރަތަމަ ފަހަރަށް ފުޓްސަލް ކުޅުންތެރިންނަށް ޚާއްޞަ އެވޯޑެއް ވަނީ ތަޢާރަފުކޮށްފައެވެ. މިކަމަށް އަލިއަޅުއްވާލައްވައި ވަޒީރު ވިދާޅުވީ، މާޒީގައި ރަސްމީ ސިފައެއްގައި ފުޓްސަލް މުބާރާތްތައް ނުބޭއްވުމުގެ ސަބަބުން އެތައް ހުނަރުވެރިންނަކަށް ގައުމީ އަދި ބައިނަލްއަގުވާމީ ފުރުސަތުތައް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އަލަށް ދޭން ފެށި އެވޯޑާ އެކު ރާއްޖޭގެ ފުޓްސަލްއަށް އައު ދިރުމެއް އައިސް، ކުޅުންތެރިންނަށް އައު އުންމީދެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގެ ފުރިހަމަ މަދަދާ އެކު މި އެވޯޑްސް ކުރިއަށް އޮތް ތަނުގައި ވެސް މެދުކެނޑުމެއް ނެތި ބޭއްވިގެންދާނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ ރޭގެ ހަފުލާގައި މުހިންމު އެވޯޑްތަކެއް ހަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި، ފާއިތުވި އަހަރު ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޚާއްޞަ ހަނދާނީ ފިލާ ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.