ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޒަމާނީ ވަސީލަތްތަކާ އެކު ހުނަރުވެރިން އުފެއްދުމުގެ އުއްމީދު

ޝެއާ ކުރޭ Facebook Telegram Viber X

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ވޮލީކޯޓު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރަށްރަށުގައި ގާއިމުކުރެވޭ ކުޅިވަރުގެ އައު ވަސީލަތްތަކުގެ އެހީގައި ގައުމީ ޓީމުތަކަށް ކުޅޭނެ ފެންވަރުގެ މޮޅެތި އެތުލީޓުންތަކެއް އުފެދިގެން ދިޔުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާއަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާފައެވެ. އެގޮތުން، މުޅި ރާއްޖެއަށް ކުޅިވަރު ލާމަރުކަޒުކޮށް، ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަށް ރައީސް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ދިއްދޫގައި ހުޅުވިގެންދިޔަ ވޮލީކޯޓަކީ ވެސް އެ އަމާޒުގެ ދަށުން، އެރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ކުރިއަށްދިޔުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. 

ކުޅިވަރު ކުޅުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ހެލިފެލިވެ އުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ބިނާކުރާ މިފަދަ ތަންތަން ގިނަ ދުވަހަށް ބޭނުންކުރެވޭނެހެން ރަނގަޅަށް ބެލެހެއްޓުމަށާއި، މި ކޯޓުގެ އެންމެ ފުރިހަމަ މަންފާ ހޯދުމަށް ދިއްދޫގެ އާންމު ރައްޔިތުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ކުޅިވަރު ގާނޫނުގެ ތެރެއިން މިހާރު ލިބިދީފައިވާ ބާރުގެ ދަށުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮފިތައް އަތޮޅުތެރޭގައި އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަންނަނީ އެކި ސަރަހައްދުތަކުގައި އެ އެސޯސިއޭޝަނުގެ ގޮފިތައް ވުޖޫދުކުރުމަށް މަސައްކަތްކުރަމުންނެވެ. 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ދިއްދޫގައި ތަރައްގީކުރި މި ކޯޓު ހުޅުވުމަށް ބޭއްވި ހަފްލާގައި، ވަޒީރު ރާފިޢުގެ އަރިހުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުއްލަތީފް މުޙައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން ބައިވެރިވެވަޑައިގަތެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު