ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންނަކީ އައިހަމްއާއި ސާލިޔާއަށް!

ޝެއާ ކުރޭ Facebook Telegram Viber X

މިދިޔަ ފުޓުބޯޅަ ސީޒަނުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ބޭއްވި "އެފްއޭއެމް އެވޯޑްސް 2026"ގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު އަހުމަދު އައިހަމް (ފަތޯ)ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ފާތިމަތު ސާލިޔާ ހޮވިއްޖެއެވެ.

ގައުމީ ޓީމާއި މާޒިޔާގެ މުހިންމު ކުޅުންތެރިޔާ އައިހަމް މި ޝަރަފުވެރި މަގާމު ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑް އަލީ ފާސިރު (ސެންޓޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާ ވާދަކޮށް ކުރިހޯދައިގެންނެވެ. މި ލިސްޓުގެ ދެވަނަ ލިބުނީ 22ލަނޑާއެކު ރަންބޫޓު ހޯދި ސެންޓޭއަށެވެ. އަދި ތިންވަނަ ހަމްޕުއަށް ލިބުނު ނަމަވެސް، އާންމުންގެ ވޯޓުން ހޮވި ސަޕޯޓަރުންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ގެންދިޔައީ އޭނާއެވެ. އަންހެން ކެޓަގަރީން އެއްވަނަ ހޯދި ސާލިޔާއަކީ އޮޑި ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ، އަދި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ.

އެހެނިހެން މުހިންމު ވަނަތަކަށް ބަލާއިރު، ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވި، ރަން އަންގި ކާމިޔާބުކުރީ ނިއު ރޭޑިއަންޓްގެ ގޯލްބަލަހައްޓާ މުހައްމަދު ފައިސަލްއެވެ. އެންމެ ކާމިޔާބު ކްލަބުގެ މަގާމު މާޒިޔާއަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ޓީމަށް ކުރިން އިރުޝާދުދިން ލުއިސްމާ ހެނާންޑޭޒްއެވެ.

މީގެ އިތުރުންވެސް ގިނަ އެވޯޑުތަކެއް މި ހަފްލާގައި ވަނީ ދީފައެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ނިއު ރޭޑިއަންޓްގެ ބްރެޒިލް ތަރި ގިލެރްމޯ ޑަ ސިލްވާ ގެންދިޔައިރު، އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ މުހައްމަދު އިލާން އިމްރާނެވެ. ސީޒަނުގެ އެންމެ މޮޅު ލަނޑަކަށް ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)އޮޑި ކޮޅަށް ވައްދާލި ގޯލު ހޮވުނުއިރު، ރީޖަނަލް ކްލަބްތަކުގެ ތެރެއިން އެންމެ ކުރި ހޯދީ ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ރެފްރީއަކަށް ހުސެއިން ސިނާން ހޮވިފައިވާއިރު، ސައުތު އޭޝިއަން ސުޕަ ކަޕާއި ސާފް ފުޓްސަލް މުބާރާތް ކާމިޔާބުކުރި ޓީމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެފްއޭއެމްއިން ވަނީ އެ ފަރާތްތަކަށް ހާއްސަ އެވޯޑެއް ވެސް އަރުވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު