ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންމެ މޮޅު ސަރަހައްދީ ކުލަބަށް 4 ޗެމްޕިއަނުން ވާދަކުރަނީ

ޝެއާ ކުރޭ Facebook Telegram Viber X

އަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އެފްއޭއެމް އެވޯޑްސް 2026"ގައި ހޮވާ އެންމެ މޮޅު ރީޖަނަލް ކުލަބުގެ މަގާމަށް، ސަރަހައްދީ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދި ހަތަރު ޓީމު ވާދަކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްއިން އާންމުކުރި ނޮމިނޭޝަން ލިސްޓުގައި ހިމެނޭ ކުލަބުތަކަކީ، އުތުރު ސަރަހައްދުގެ ޗެމްޕިއަން ހއ. ދިއްދޫ ސްޕޯޓްސް ކުލަބާއި، މެދުތެރޭ ސަރަހައްދުގެ ޗެމްޕިއަން ކ. ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން، ދެކުނު ސަރަހައްދުގެ ޗެމްޕިއަން ގދ. ގައްދޫ ރެކްރިއޭޝަން ކުލަބާއި މާލޭ ރީޖަން ނުވަތަ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބިސްބުރު ސްޕޯޓްސް ކުލަބެވެ.

މުޅި ރާއްޖެ ހަތަރު ބަޔަކަށް ބަހާލައިގެން އެފްއޭއެމް އިން ވަނީ އަތޮޅު އަދި ޒޯން ފެންވަރުގެ ކޮލިފައިން މުބާރާތްތަކެއް ދާދިފަހުން ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދި ފަރާތްތަކުން ވަނީ މާލޭގައި ކުޅުނު ދިވެހި ޕްރިމިއާ ލީގު (ޑީޕީއެލް)ގެ ކޮލިފައިންގައި ވާދަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޑީޕީއެލް ކޮލިފައިންގައި ވާދަކުރި މި ހަތަރު ޓީމުގެ ތެރެއިން ހުރާ ކޮމިއުނިޓީ ކުލަބު ފިޔަވައި ދެން ތިބި ތިން ޓީމުން ވަނީ މޮޅު ކުޅުމަކާ އެކު ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި އެ ޓީމުތަކުން އަންނަނީ މިހާރު ކުރިއަށްދާ ދިވެހި ލީގުގެ މެޗުތަކުގައި ވެސް ކުޅެމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނުބޭއްވި އޮތުމަށް ފަހު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ކުލަގަދަ ހަފްލާގައި، އެންމެ މޮޅު ސަރަހައްދީ ކުލަބުގެ އިތުރުން، ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުލަބު ވެސް އިއުލާނުކުރުމަށް ވަނީ ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު