ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނިއުއިން ކަޕް ވިނާސް ކަޕްގެ ފެށުން ފުރިހަމަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯ (ޑޯރީ) ހެދި ހެޓްރިކާ އެކު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ވަރަށް ފުރިހަމަކޮށްފިއެވެ.

މެޗު ފަށައިގެން އެންމެ 20ސިކުންތުގެ ތެރޭގައި ޑޯރީ ވަނީ ނިއު އަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ 60ވަނަ މިނެޓުގައި ޑޯރީ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޖެހި ދެ ލަނޑާ އެކު، ނިއުގެ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ ދެ މެޗުން ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 68ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)އެވެ. އަދި މެޗުގެ 73ވަނަ މިނެޓުގައި ނިއުއަށް ފަސްވަނަ ލަނޑު ޖަހައިދިނީ ލައިބީރިއާގެ ކުޅުންތެރިޔާ އަބްދުލައި ބިލިޓީއެވެ.

އެފްއޭއެމްގެ ފަރާތުން 1995ވަނަ އަހަރު ތައާރަފުކުރި މި މުބާރާތް އެންމެ ފަހުން ކުޅެފައި ވަނީ 2008ގައެވެ. ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރު އަލުން ކަޕް ވިނާސް ކަޕް ފެށިއިރު، އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ ވެސް ނިއު ރޭޑިއަންޓުންނެވެ. އެ ޓީމުން ވަނީ މީގެ ކުރިން ހަތަރު ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ އެންމެ ގަދަ ހަތަރު ޓީމެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް، އޮޑި ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސްއެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. 

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18ވަނަ ދުވަހުގެ ރޭގައެވެ. މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުރިމަތިލާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު