އޭއެފްސީ ޗެލެންޖް ލީގުގައި މާދަމާ ގަލޮޅު ދަނޑުގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މާޒިޔާގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކަން ގަބޫލުކޮށް އެ ޓީމަށް އިހުތިރާމްކުރާ ކަމަށާއި، އެހެން ނަމަވެސް މެޗުން މޮޅުވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ތަޖިކިސްތާނުގެ ރެގާރު ޓަޑާޒްގެ ކޯޗު ޓުޚްތައޭވް އަލިޝާރު މިއަދު ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަލިޝާރު ފާހަގަކުރި ގޮތުގައި، ދިވެހި ޓީމުގެ ކުޅުމުގެ ވައްޓަފާޅި އެ ޓީމުން ވަނީ ދިރާސާކޮށްފައެވެ. ޚާއްސަކޮށް އެ ކުލަބާ ދާދި ފަހުން ގުޅުނު ބިދޭސީ ކުޅުންތެރިންނާ އެކު މާޒިޔާގެ ސްކޮޑު ވަރުގަދަވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، އިދިކޮޅު ޓީމަށް ކުރާ އިހުތިރާމާ އެކު ވެސް، ރެގާރު ޓަޑާޒްގެ ކުޅުންތެރިން ތިބީ މޮޅުވުމުގެ ރޫހުގައި ކަމަށް ކޯޗު ކަށަވަރުކޮށްދިނެވެ.
މި މެޗު ކުޅުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ނަމަވެސް ފްލައިޓް ޝެޑިއުލަށް އައި ބަދަލުތަކަކާ ގުޅިގެން ރެގާރު ޓަޑާޒްގެ ޓީމަށް މާލެ އާދެވޭގޮތްވީ މިއަދުއެވެ. އެހެންކަމުން، އޭއެފްސީން ވަނީ މެޗު މާދަމާއަށް ފަސްކޮށްދީފައެވެ. މިކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަމުން އެ ޓީމުގެ ޑިފެންޑަރު ޖޯސެފް ފެއުމްބާ ބުނީ، ދަތުރުމަތީގައި ވަރުބަލިކަން އިހުސާސްވި ނަމަވެސް، އެއީ މެޗުން ނެރޭ ނަތީޖާއަށް ދައްކާނެ ބަހަނާއެއް ނޫން ކަމަށެވެ.
ފެއުމްބާ އިތުރަށް ބުނި ގޮތުގައި، ޓީމުގެ އެންމެހާ ކުޅުންތެރިންގެ ވެސް ހަމައެކަނި އަމާޒަކީ އަމިއްލަ އެންމެ މޮޅު ކުޅުން ދައްކައި، މާޒިޔާ ބަލިކުރުމަށް ފަހު މުބާރާތުގެ ކުރިއަށްދިއުމުގެ ފުރުސަތު ހޯދުމެވެ.
މާޒިޔާއާއި ރެގާރު ޓަޑާޒް ވާދަކުރާ މި މުހިންމު މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.