އޭއެފްސީ ޗެލެންޖް ލީގުގައި ބުދަ ދުވަހު ގަލޮޅު ދަނޑުގައި ތަޖިކިސްތާނުގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ ކުރިމަތިލުމަކަށް ނުވި ނަމަވެސް، މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ފުރިހަމަ ގާބިލުކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ)ހާމަކޮށްފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ސަމޫހު ބުނީ، މާޒިޔާގެ އަމާޒަކީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުން ކަމަށާއި، ހުރިހާ ކުޅުންތެރިން ގުޅިގެން އެ އަމާޒަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށެވެ. މީގެ ކުރިން މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ވެސް ވަނީ ކުލަބުގެ މައިގަނޑު ޓާގެޓަކީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުންކަން މީޑިއާއާ ހިއްސާކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިން މާޒިޔާގައި ކުޅެފައިވީ ނަމަވެސް، މި ސީޒަނާ އެ ކުލަބުން ކުރިމަތިލީ އެވަރެޖް އުމުރު 23އަހަރުގެ ވަރަށް ޒުވާން ސްކޮޑަކާ އެކުގައެވެ. ބޮޑެތި މެޗުތަކަށް މި ކުޅުންތެރިން ނެރުމާ ގުޅޭގޮތުން ސަމޫހު ބުނީ، އުމުރުން ހަގުވި ނަމަވެސް އެއީ ފަރިތަކުރުންތަކުގައާއި މެޗުތަކުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ "ސީނިއަރ"ކުޅުންތެރިންނާ އެއްފަދަ ކުޅުންތެރިން ކަމަށެވެ. އަދި އޭނާގެ ފުރިހަމަ އިތުބާރު މި ޒުވާން ސްކޮޑަށް އޮތްކަން ސަމޫހު ވަނީ ފާހަގަކޮށްފައެވެ.
ޒުވާން ކުޅުންތެރިންގެ އިތުރުން މާޒިޔާއިން ވަނީ މި ފަހަރުގެ ސީޒަނަށް ބިދޭސީ އައު ތިން ކުޅުންތެރިއަކު ވެސް ގެނެސްފައެވެ. ސާބިއާއަށް ނިސްބަތްވާ ނިކޮލާ ވުޖިސިޗް އަދި ނެމަންޖާ ޑްރަވްކޮވިޗްގެ އިތުރުން ނައިޖީރިއާގެ ބެންޖަމިން ތޯމަސް ކޫކޫ ވަނީ ކަޕް ވިނާސް ކަޕްގައި ދާދި ފަހުން ބުރު ސްޕޯޓްސްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.
މާޒިޔާއާއި ރެގާރު ޓަޑާޒް ބައްދަލުކުރާ މުހިންމު މެޗު ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.