ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލިވީ ލިބުނު ފުރުސަތުތައް ނަގާލުމުން: ކޯޗް

ޝެއާ ކުރޭ Facebook Telegram Viber X

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ މެޗުގައި ތަޖިކިސްތާނުގެ ރެގާރް ޓެޑަޒް އަތުން 3-0އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވީ، ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން ކަމަށް އެ ކްލަބުގެ ކޯޗު ތޯމަސް ޓްރުޗާ ހާމަކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، ރެގާރްއިން މާޒިޔާގެ ކޮޅަށް ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގެ ތެރޭގައެވެ. 

މި ނަތީޖާއާ ގުޅިގެން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން ޓްރުޗާ ފާހަގަކުރި ގޮތުގައި، ހާއްސަކޮށް މެޗުގެ ކުރީކޮޅު ލީޑު ނެގުމަށް މާޒިޔާއަށް ވަރަށް ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވުނެވެ. ނަމަވެސް އެ ފުރުސަތުތައް ގޯލަކަށް ބަދަލުނުކުރެވުމަކީ މެޗުގެ ނަތީޖާ އަނބުރާލަން މެދުވެރިވި އެންމެ ބޮޑު މައްސަލަކަމަށް އޭނާ ސިފަކުރިއެވެ. އަދި ތަޖިކިސްތާނުގެ އެންމެ ވަރުގަދަ ކްލަބާ ދެކޮޅަށް ކުޅޭއިރު، އެންމެ މަތީ ފެންވަރުގެ ކުޅުމެއް ދައްކަންޖެހޭނެކަން ކުރިން ވެސް އެނގޭކަމަށް ކޯޗު ބުންޏެވެ.

މީގެ އިތުރުން، މަތީ ފަންތީގެ މުބާރާތްތަކުގައި ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން ވެސް މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދާކަން ޓްރުޗާ ފާހަގަކުރިއެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން މާޒިޔާއިން ރަނގަޅަށް ފަށާފައި ވަނިކޮށް، ޑިފެންސް ލައިނަށް އެރި އޮޅުމެއްގެ ތެރެއިން ކުޅުންތެރިން މާކުނުކުރެވި، އިދިކޮޅު ޓީމަށް ފުރަތަމަ ލަނޑު ޖެހުމަށް ޖާގަ ދެވުނުކަން އޭނާ ތަފްސީލުކޮށްދިނެވެ.

ކުރިއަށް އޮތް ތަނުގައި މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ ކަޕް ވިނާސް ކަޕްގައި ކުޅެންޖެހޭ ބާކީ ދެ މެޗަށް ފުރިހަމައަށް ތައްޔާރުވުންކަމަށް ކޯޗު ހާމަކުރިއެވެ. އަދި މި މެޗާ ކުރިމަތިލިއިރު، އެކަށީގެންވާ ވަގުތު ނުލިބުމަކީ ޓީމު ތައްޔާރުކުރުމަށް އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ހުރަސްކަމަށް ވެސް ޓްރުޗާ ވަނީ ބުނެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު