ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މާޒިޔާއަށް ތަރުހީބުދޭން ދަނޑަށް ދިޔުމަށް ގޮވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ތަޖިކިސްތާނުގެ ރެގާރު ޓަޑާސްއާ ދެކޮޅަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ މުހިންމު މެޗުގައި، ރާއްޖެ ތަމްސީލުކުރާ އެ ޓީމަށް ހިތްވަރު ދިނުމަށް ވީހާ ވެސް ގިނަ ދިވެހިން ދަނޑަށް ހާޒިރުވުމަށް އެ ކުލަބުން އިލްތިމާސްކޮށްފިއެވެ.

މި މެޗުން ކުރިހޯދައިގެން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް އޮތްއިރު، މިއީ މުޅި ދިވެހި ފުޓުބޯޅައަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް އެ ކުލަބުން ދެކެއެވެ. މާޒިޔާގެ މެނޭޖްމަންޓުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި މުބާރާތުގައި އެ ޓީމު ނުކުންނަނީ ހަމައެކަނި ކުލަބެއްގެ ގޮތުގައި ނޫންކަމަށާއި، އެއީ މުޅި ދިވެހިރާއްޖެ ތަމްސީލުކުރާ ގައުމީ ވާޖިބެއް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ރޫހު އާލާކޮށްދިނުމަށް ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

އޭއެފްސީން މުބާރާތުގެ އޮނިގަނޑަށް ދާދިފަހުން ގެނައި ބަދަލުތަކާ ގުޅިގެން ސަރަހައްދީ މުބާރާތުން ރާއްޖެއަށް މިހާރު ފުރުސަތު ލިބެނީ އެންމެ ކުލަބަކަށެވެ. އެ ޖާގަ މާޒިޔާއިން ކަށަވަރުކުރީ ނިމިދިޔަ ފުޓުބޯޅަ ސީޒަނުގެ ދިވެހި ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ކުރިން ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބުނު ނަމަވެސް، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް މާޒިޔާއަށް ޖެހިފައި ވަނީ ޕްރިލިމިނަރީ ނުވަތަ ޕްލޭއޮފް މަރުހަލާ ކަޑައްތުކުރާށެވެ.

ވޭތުވެދިޔަ ތޭރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މާޒިޔާއިން ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ އުސްގަނޑަށް ވާސިލުވެފައެވެ. އެގޮތުން އެ ޓީމަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އަދި ވާދަވެރިން އެންމެ ޖެހިލުންވާ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބާރުކަން ފާހަގަކޮށްލެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު