ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، މެޗުން ބަލިވި ބުރަށް ފައިނަލުގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮޑި އޮތްއިރު، އެ ޓީމަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. މާދަމާ ހަވީރު ކެޔޮދޫއާ ދެކޮޅަށް މާޒިޔާ ނުކުންނަ މެޗު ނިމެންދެން ތާވަލުގެ ކުރީގައި އޮޑި ދެމިއޮންނާނެކަން ވަނީ ޔަގީންވެފައެވެ. އެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ ދެ ޓީމަށް ވެސް ލިބޭނީ އެއްވަރަކަށް ޕޮއިންޓެވެ. އަނެއްކޮޅުން، ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމާ ގުޅިގެން ބުރަށް ވަނީ ފައިނަލްގައި ކުޅުމުގެ ފުރުޞަތު ގެއްލިފައެވެ.
މިއަދުގެ މެޗު ފެށިގެން ކުރީކޮޅުގައި އޮޑިން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަޔާން ޝާފިއުއެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުޞަތެއްގައި ނާއިލް ޔޫސުފް ވަނީ އޮޑިއަށް ނަތީޖާ ފުޅާކޮށްދީފައެވެ. ދެ ލަނޑުގެ ތަފާތަކާ އެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ބުރުން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އިބްރާހީމް ނާއިޝް ނާޒިމްއެވެ.
ނަމަވެސް، ބުރުގެ ކީޕަރު ދިފާއުކުރި ބޯޅައެއް ރީބައުންސަށް ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހުސައިން ޝުހާދު ސުހާން ވަނީ އޮޑީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އޮޑިއަށް އިތުރު ލަނޑެއް ޖަހަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނާއިލްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ޝުހާދު ފޮނުވާލުމުން، ބުރުގެ ގޯލްކީޕަރު އަޙްމަދު މިފްޒާލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ތާވަލުގެ ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ފޯރިގަދަ މެޗެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.