ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫޓިއުބަރ އައިޝޯސްޕީޑަށް އަމާޒުކުރި ނަސްލީ ފުރައްސާރައިގެ މައްސަލައެއް ފީފާއަށް!

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ ތިންވަނަ ދުވަހު އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި އާޖެންޓީނާއާއި ކޭޕް ވާޑޭ ބައްދަލުކުރި ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން، އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ ތަރި އައިޝޯސްޕީޑަށް އަމާޒުކޮށް ސަޕޯޓަރަކު ހިންގި ނަސްލީ ފުރައްސާރައިގެ މައްސަލައެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ތަހުގީގުކުރަން ފަށައިފިއެވެ.

އާޖެންޓީނާ 3-2އިން ކާމިޔާބު ހޯދި މި މެޗުގައި، އަސްލު ނަމުން ނަމަ ޑެރަން ޖޭސަން ވަޓްކިންސް ޖޫނިއަރ (ސްޕީޑް)ހުރީ ކޭޕް ވާޑޭގެ ޖާޒީއެއް ލައިގެންނެވެ. އޭނާގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން، އާޖެންޓީނާގެ ސަޕޯޓަރަކާއި އޭނާއާ ދެމެދު ހިނގި މި ހަމަނުޖެހުން ސާފުކޮށް ފެންނަން ހުރި އިރު، ފީފާއިން ބުނެފައި ވަނީ މިކަމުގެ މައުލޫމާތު ލިބުމާއެކު ވަގުތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ރަސްމީ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕަކީ ތަފާތު ސަގާފަތްތަކާއި ނަސްލުތަކުގެ މީހުން އެކުވެރިކަމާ އެކު ބައްދަލުވާ މަންސައެކެވެ. އެހެންކަމުން، ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނަސްލީ ތަފާތުކުރުމުގެ އަމަލުތަކަށް އެއްވެސް ޖާގައެއް ނޯންނާނެކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޔޫޓިއުބްގައި 57މިލިއަން ސަބްސްކްރައިބަރުން އަދި ޓިކްޓޮކްގައި 53މިލިއަން ފޮލޯވަރުން ތިބި ސްޕީޑް އަންނަނީ މުބާރާތުގެ ގިނަ މެޗުތަކެއް ވަގުތުން ސްޓްރީމްކުރަމުންނެވެ. އޭނާގެ މި ލައިވްތަކުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޒްލަޓާން އިބްރަހިމޮވިޗް ފަދަ ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މިފަދަ ހާދިސާއެއް ސްޕީޑަށް ދިމާވެފައިވާއިރު، ފަހަކަށް އައިސް ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ދާދި ފަހުން ޕެރަގުއޭގެ ސެނެޓަރެއް ކަމަށްވާ ސެލެސްޓޭ އަމަރީޔާ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށް އަމާޒުކޮށް ނަސްލީ ފުރައްސާރައިގެ ބަސްތަކެއް ރައްދުކުރުމުން އެކަމަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މުބާރާތުގެ ގަދަ 16އިން ފްރާންސް އަތުން ޕެރަގުއޭ ބަލިވި މެޗަށްފަހު އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން، އެމްބާޕޭ ވަނީ އެ ސެނެޓަރަކީ އެފަދަ މަގާމަކާ ނުގުޅޭ، ދަށް ފެންވަރުގެ ވިސްނުމެއް ގެންގުޅޭ މީހެއްކަމަށް ބުނެފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަމަރީޔާގެ ވާހަކަތައް ކުށްވެރިކޮށް، އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނެކަން ވެސް ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު