ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާއާ ވާދަކޮށް މިސްރު ބަލިވި މެޗުގައި ފްރާންސްގެ ރެފްރީ ފްރޭންކޮއިސް ލެޓެޒިއާ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުން އޭނާ ސަސްޕެންޑްކޮށްދިނުމަށް އެދި މިސްރުގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާއަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފިއެވެ.
މިސްރުގެ އެފްއޭގެ ރައީސް ހާނީ އަބޫ ރިދާ ސޮއިކުރައްވައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކޮށްފައި ވަނީ، 3-2ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި އެ މެޗުގައި ރެފްރީއާއި އޭނާގެ އެސިސްޓެންޓުންގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އާޖެންޓީނާއިން ފަހަތުން އަރައި މޮޅުވުމުގެ ފަހަތުގައި ރެފްރީންގެ ބޭއިންސާފު ނިންމުންތަކުގެ ދައުރު ބޮޑު ކަމަށް ބުނެ، މުބާރާތުގެ އެއްވެސް މެޗެއް ދެން އެ ރެފްރީންގެ ޓީމާ ހަވާލުނުކުރުމަށް ވަނީ ގޮވާލާފައެވެ.
މެޗުގެ ނަތީޖާއާ ގުޅިގެން މިސްރުގެ ގައުމީ ޓީމުގެ ކޯޗު ހޮސާމް ހަސަން ވެސް ވަނީ ފީފާގެ ނިޔަތާ މެދު ސުވާލު އުފައްދައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި، ފީފާގެ އަމާޒަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް މުބާރާތް ކާމިޔާބުކޮށްދިނުމަށް މަގުފަހިކުރުމެވެ. ހޮސާމް ބުނީ، މެސީއަށް ތަށި ދިނުމުގެ ބޭނުމުގައި މިފަދައިން އަމަލުކުރާ ނަމަ އެހެން ގައުމުތަކުން މުބާރާތުގައި ވާދަކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ސީދާ އާޖެންޓީނާއާ ތަށި ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
މެޗުގެ ތެރެއިން މިސްރުން އެންމެ ބޮޑަށް ޝަކުވާކުރި ދެ މައްސަލައެއް ފާހަގަކުރެވެއެވެ. އެއީ މިސްރުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ފައުލްކޮށްގެން ހޯދި ބޯޅައަކުން ޖެހި ގޯލެއް ކަމަށް ކަނޑައަޅައި، މާ ފަހުން ވީއޭއާރު މެދުވެރިކޮށް އެ ލަނޑު ކެންސަލްކުރުމެވެ. މީގެ އިތުރުން، އާޖެންޓީނާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މިސްރުގެ ކުޅުންތެރިންނަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއަކަށް އެޕީލްކުރުމުން، ވީއޭއާރުގެ އެހީތެރިކަން ހޯދުމެއް ނެތި ރެފްރީ އެކަމަށް އަޅާނުލައި ދޫކޮށްލި މައްސަލަ ވެސް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.