ފީފާ ވޯލްޑް ކަޕް 2026ގެ ގަދަ ސޯޅައިގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ރެފުރީންގެ ފަރާތުން ފެނުނު ނިންމުންތަކާ މެދު އެ ގައުމުން ބޮޑެތި ޝަކުވާތަކެއް ކޮށްފައި ވަނިކޮށް، އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް މުބާރާތުގެ އޮފިޝަލުންގެ ދިފާއުގައި ނުކުމެ، ރެފުރީންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ، މެޗުގެ ފަހު އެގާރަ މިނިޓާ ހަމައަށް 2-0ގެ ލީޑެއްގައި މިސްރު އޮއްވައި، ފަހަތުން އަރައި ވިދިވިދިގެން ތިން ލަނޑު ކާމިޔާބުކޮށްގެންނެވެ. އެހެންނަމަވެސް، މެޗުގެ 62ވަނަ މިނިޓުގައި މިސްރުގެ މުސްތަފާ ޒީކޯ ކާމިޔާބުކުރި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް)ބެލުމަށްފަހު ބަލައިނުގަތުމަށް ނިންމުމާ އެކު، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޮފިޝަލުންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ކަމާ ގުޅިގެން ފީފާގެ ރެފުރީންގެ ކަންކަމާ ހަވާލުވެ ހުރި އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވެސް ވަނީ، އޮފިޝަލުންގެ މައްޗަށް ކުރެވޭ ތަފާތުކުރުމުގެ ތުހުމަތުތައް ދޮގުކޮށް، އެއީ މިނިވަންކަމާ އެކު އިންސާފުވެރި ނިންމުންތަކެއް ނިންމާ ބައެއްކަން ފާހަގަކޮށްފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ، އާޖެންޓީނާ ޓީމުގެ ފަރާތުން ރެފުރީންނާ މެދު ކުރާނެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި އޮފިޝަލުން އަދާކުރަމުންދަނީ ނަމޫނާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ބައެއް ފަހަރު މީޑިއާތަކުން މައްސަލަތައް އުފައްދަން މަސައްކަތްކުރި ނަމަވެސް، ކުޅުންތެރިންގެ ހަމައެކަނި އަމާޒަކީ ދަނޑުމަތީގައި އެންމެ ފުރިހަމަ ކުޅުމެއް ދެއްކުންކަމަށް ވެސް އޭނާ ބުންޏެވެ.
އެމެރިކާގެ ކެންސަސް ސިޓީގައި މިރޭ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު، މާޓިނޭޒް ވަނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިހުތިރާމްކުރާކަން ހާމަކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި ސްވިޒަލެންޑަކީ ފިޒިކަލް ގޮތުން ވަރުގަދަ އަދި ސެޓް-ޕީސްތަކުގައި ނުރައްކާތެރި، ހުނަރުވެރި ޓީމެކެވެ. މީގެ އިތުރުން، މިސްރު ކޮޅަށް އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހައިދިން ކްރިސްޓިއަން ރޮމޭރޯ ފާހަގަކުރި ގޮތުގައި، ޓީމުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އިދިކޮޅަށް ނުކުންނަ ބައެއްގެ މައްޗަށް ވިސްނުމުގެ ބަދަލުގައި، އަމިއްލަ ޓީމުގެ ކުޅުން ރަނގަޅުކޮށް ހެދޭ ގޯސްތައް އިސްލާހުކުރުމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.