ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެފްރީންގެ ނަޒާހަތްތެރިކަމާ މެދު ޝައްކެއް ނުކުރެވޭނެ: ކޮލީނާ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގަދަ ސޯޅައިގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗަށް ފަހު ރެފްރީންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، މުބާރާތުގެ ރެފްރީންގެ ނަޒާހަތްތެރިކަމާ މެދު އެއްވެސް ފަރާތަކަށް ސުވާލު ނުއުފެއްދޭނެކަމުގެ ޔަގީންކަން ފީފާގެ ރެފްރީސް ކޮމިޓީގެ ވެރިޔާ ޕިއެލުއިޖީ ކޮލީނާ ދީފިއެވެ.

އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗުގެ ދެވަނަ ހާފުގައި ހިނގައިދިޔަ ދެ ފައުލެއްގެ މައްސަލައިގައި މިސްރުގެ ފުޓްބޯޅަ އިދާރާއިން ވަނީ އެ މެޗުގެ ރެފްރީން މުބާރާތުން ބޭރުކޮށް، އެކަން ތަހުގީގުކޮށްދިނުމަށް ފީފާގައި ރަސްމީކޮށް އެދިފައެވެ. ހަމައެހެންމެ، އެ ޓީމުގެ ކޯޗު ވަނީ ދުނިޔޭގެ ތަރި ލިއޮނަލް މެސީއާއި އާޖެންޓީނާ މުބާރާތުގައި ކުރިއަށް ގެންދިއުމަށް ޓަކައި ރެފްރީ ގަސްތުގައި ބޭއިންސާފު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ހުރިހާ ތުހުމަތުތަކަށް ރައްދުދެމުން، ދުނިޔޭގެ އެންމެ މޮޅު އެއް ރެފްރީގެ މަގާމު ކުރިން ހޯދާފައިވާ ކޮލީނާ ބުނީ، ރެފްރީންގެ ނިންމުންތައް ފުރިހަމައަށް ދިފާއުކުރާ ކަމަށާއި، އެއީ ގޯސް ނިންމުންތަކެއް ނޫން ކަމަށެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކީނަމަވެސް، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި ރެފްރީންނަށް އިނގިލި ދިއްކުރުމުގެ ނަތީޖާއަކީ އެމީހުންނާއި އާއިލާތަކަށް ބިރުދެއްކުމާއި އިންޒާރުގެ މެސެޖުތައް ލިބުންކަން ފާހަގަކޮށް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ރެފްރީންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ފީފާގެ ރައީސަށް ވެސް ލިބިފައި ނުވާކަން ކޮލީނާ ވަނީ ފާހަގަކޮށްފައެވެ. އަދި ރެފްރީންނަށް އެއްވެސް ބިރަކާ ނުލައި މިނިވަންކަމާ އެކު އިންސާފުވެރިކަން ގާއިމުކުރުމުގެ ފުރިހަމަ އިހުތިޔާރާއި އިތުބާރު ފީފާގެ ރައީސްގެ ފަރާތުން ލިބިފައިވާކަން ވެސް އޭނާ ކަށަވަރުކޮށްދިނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު