ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މިސްރުގެ ހެކަރުންތަކެއް އާޖެންޓީނާ އެފްއޭގެ މެއިލް ހެކްކުރިކަމުގެ ތުހުމަތު!

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްއޭ)ގެ ރަސްމީ އީމެއިލް އެކައުންޓްތައް ހެކްކޮށް، މެޗުގެ ރެފްރީއަށް ފާޑުކިޔައި މީޑިއާތަކަށް އީމެއިލްތަކެއް ފޮނުވައިފިއެވެ.

އާޖެންޓީނާ އޭއެފްއޭއިން ހާމަކުރި ގޮތުގައި މި އަމަލަކީ މިސްރުގެ ހެކަރުންތަކެއް އެ އިދާރާގެ ސިސްޓަމަށް ވަދެ ހިންގާފައިވާ ސައިބާ ހަމަލާއެކެވެ.

މިސްރުން މެޗުގެ ފަހު ވަގުތު ލީޑު އަނބުރާލި މި މެޗުގައި ރެފްރީ ވަކިކޮޅަކަށް ބުރަވެ ހުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އާޖެންޓީނާގެ މީޑިއާއެއް ކަމަށްވާ "ލަ ކަޔޭ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭއެފްއޭގެ ރަސްމީ އީމެއިލް އެޑްރެސްތަކުން ފޮނުވި މެސެޖުތަކުގައި މެޗުގައި އިންސާފުކުރި ފްރާންސްގެ ރެފްރީ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުންތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ.

މި ހަމަލާގައި ހެކަރުން ވަނީ އޭއެފްއޭގެ ޑޭޓާބޭސްއަށް ވަދެ، އީމެއިލް އެޑްރެސްތަކާއި، ޕާސްވޯޑްތަކުގެ އިތުރުން އައިޕީ އެޑްރެސްތައް ވެސް އަތުލައިގެންފައެވެ. އަދި އާޖެންޓީނާގެ އެކްރެޑިޓް ކުރެވިފައިވާ ނޫސްވެރިންނަށް ގިނަ އަދަދެއްގެ އީމެއިލްތައް ފޮނުވަން ފެށުމުން އޭއެފްއޭގެ ސަމާލުކަމަށް މިކަން އައެވެ. މި އީމެއިލްތަކުގައި، އިންސާފު ގާއިމުނުކޮށްފިނަމަ އިތުރު ސައިބާ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން އޭއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އިދާރާގެ އިދާރީ އެކައުންޓްތަކުން އެ ގައުމުގެ ޓީމުން އުފައްދާފައި ނުވާ އަދި ހުއްދަދީފައި ނުވާ އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަހަރެމެންގެ އިދާރީ އެކައުންޓްތަކުން، އަހަރެމެންގެ ޓީމުން އުފައްދާފައި ނުވާ އަދި ހުއްދަދީފައި ނުވާ އީމެއިލްތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައި"

އެ އިދާރާގެ އައިޓީ ޑިޕާޓްމަންޓުން މިހާރު މި މައްސަލަ ބަލަމުންދާ ކަމަށް އޭއެފްއޭއިން ބުނެއެވެ. އަދި މި ދަނޑިވަޅުގައި އެ އިދާރާގެ އެކައުންޓްތަކުން ދާދި ފަހުން ލިބިފައިވާ އާދަޔާ ހިލާފު އެއްވެސް މެސެޖަކަށް ސަމާލުކަން ނުދިނުމަށް ވެސް އޭއެފްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

"މި ހާލަތާ ގުޅިގެން، އައިޓީ ޑިޕާޓްމަންޓުން ކަންކަން ބަލަމުންދާއިރު، އަހަރެމެންގެ އެކައުންޓުން ދާދި ފަހުން ލިބިފައިވާ އާދަޔާ ހިލާފު އެއްވެސް މެސެޖަކަށް ސަމާލުކަން ނުދިނުމަށް އެދެން" 
ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު