ސްޕެއިންއިން އާޖެންޓީނާ ބަލިކޮށް 2026ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ބޮޑު މާރާމާރީގެ މައްސަލަ ބެލުމަށް ޓަކައި ދުނިޔޭގެ ފުޓުބޯޅައާ ބެހޭ އެންމެ މަތީ އިދާރާ ފީފާއިން ޑިސިޕްލިނަރީ އަދި އެތިކްސް ޕްރޮސެކިއުޓަރަކު އައްޔަންކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިން ލަނޑުން ސްޕެއިން ވަނީ މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އުފުލާލާފައެވެ. މެޗުގެ ފަހުކޮޅު، ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މެޗު ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުގައެވެ.
މެޗު ނިމުނުކަން އަންގައިދޭ ކަށިގަނޑު ފުމުމާ އެކު، ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދިގެން ދިޔައެވެ. މިގޮތުން އާޖެންޓީނާގެ ލިއަންޑްރޯ ޕަރެޑޭސްއާއި ސްޕެއިންގެ އެރިކް ގާސިއާ އަދި ގަވީއާ ދެމެދު ހިނގި ހޫނު ޒުވާބުތަކެއްގެ ސަބަބުން، ދެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކަށް ހަމަލާދީ ކޮއްޕައި ހެދިއެވެ. މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ގިނަ މަސައްކަތްތަކެއް ކުރިއިރު، މެޗުގެ ރެފްރީ ވަނީ މާރާމާރީގައި ބައިވެރިވި ޕަރެޑޭސްއަށް ވެސް ރަތް ކާޑު ދައްކާފައެވެ.
ކުޅިވަރުގެ ރޫހާ ޚިލާފަށް ހިނގައިދިޔަ މި ދަށުދަރަޖައިގެ އަމަލުތައް ފީފާއިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު، މި މައްސަލަ ނިންމައި ފިޔަވަޅު އަޅާނެ ވަކި ތާރީޚެއް އެ އިދާރާއިން އަދި އާންމުކޮށްފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.