ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވުމާ ގުޅިގެން މެޗު ނިމުނު ވަގުތު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހުތުރު އަމަލުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މި މައްސަލަ ދުނިޔޭގެ ފުޓްބޯޅައާ ބެހޭ އެންމެ މަތީ އިދާރާ ކަމަށްވާ ފީފާއިން މިހާރު ވަނީ ތަހުގީގުކުރަން ފަށާފައެވެ. ފައިނަލް މެޗު ނިމުމާއެކު އާޖެންޓީނާގެ ލިއަންޑްރޯ ޕަރެޑޭސް ވަނީ ސްޕެއިންގެ ގަވީ އަދި އެރިކް ގާސިއާއާ ކުރިމަތިލައި މައްސަލަގަނޑެއް އުފައްދާފައެވެ. ދެ ޓީމުގެ ދެމެދުގައި ހިނގި މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވެސް ދަނޑުމައްޗަށް ނުކުންނަން ޖެހުނެވެ.
ސްޕެއިންގެ މީޑިއާތަކާ ވާހަކަދައްކަމުން ޑެ ލަ ފުއެންޓޭ ފާހަގަކުރި ގޮތުގައި، އޭނާއަކީ އަބަދުވެސް އާޖެންޓީނާގެ ޓީމަށާއި ކޯޗަށް އިހުތިރާމުކުރާ މީހަކަށް ވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންގެ ފަރާތުން އެފަދަ ދަށުދަރަޖައިގެ އަމަލެއް ފެނުމަކީ ހިތާމަހުރި ކަމެކެވެ. މީގެ އިތުރުން، އާޖެންޓީނާ ކުޅުންތެރިންގެ ރުޅިވެރިކަމުގެ ކުރިމަތީގައި ސްޕެއިންގެ ކުޅުންތެރިން ދެއްކި ޕްރޮފެޝަނަލްކަމާއި ކެތްތެރިކަމަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި އުޅެވުނުކަމަށް އިއުތިރާފުވެ، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ ވަނީ މާފަށް އެދިފައެވެ. މި އަހަރުގެ ޔޫރޯ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިން ޑެ ލަ ފުއެންޓޭ ބުނީ، 2030ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ ވޯލްޑް ކަޕެއްގައި ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދާނެ އެންމެ ބޮޑު ޝަރަފު ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.