ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެ މީހުން ބޭނުންވީ މެސީ މުބާރާތުގައި ދެމިހުންނަން: މިސްރުގެ ކޯޗް

ޝެއާ ކުރޭ Facebook Telegram Viber X

އެޓްލާންޓާގައި ކުޅުނު ފޯރިގަދަ ގަދަ 16 ގެ މެޗުގައި 2-0އިން ފަހަތުގައި އޮވެ، ފަހަތުން އަރައި 3-2އިން އާޖެންޓީނާ މޮޅުވި މެޗަށް ފަހު، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މިސްރަށް ފުރުސަތު ގެއްލުނީ "އޮޅުވާލުމެއްގެ" ތެރެއިން ކަމަށް އެ ޓީމުގެ ކޯޗު ހުސާމް ހަސަން ބުނެފިއެވެ.

މި މެޗަށް ނުކުތްއިރު ބަލިވާނެ ކަމަށް ބެލެވުނު އީޖިޕްޓުން ވަނީ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުންގެ މައްޗަށް ކުރިހޯދައި، ދެވަނަ ހާފުގައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް މެޗުން އާޖެންޓީނާ މޮޅުވީ ފަހަތުން އަރައެވެ.

"އަހަރެން ބޭނުމެއް ނޫން މިއީ ނަސީބު ދެރަކަމުން ދިމާވި ކަމެއް ކަމަށް ބުނެ އޮމާންކޮށްލާކަށް. މިއަދު އަހަރެމެންނާ މެދު ކަންތައްކުރީ " މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރުޅިގަދަވެފައި ހުރެ ހަސަން ބުންޏެވެ.

މިސްރުން 1-0އިން ކުރީގައި އޮއްވައި މުސްތަފާ ޒީކޯ ޖެހި ލަނޑެއް ކެންސަލް ކުރީ، އެ ހަމަލާ އުފެއްދުމުގެ މާ ކުރިން ލިސަންދްރޯ މާޓީނޭޒްއަށް ފައުލްކުރި ކަމަށް ބަލައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އިން އެންގުމުންނެވެ.

ޒީކޯ ވަނީ މިސްރުގެ ދެވަނަ ލަނޑު ޖަހައިދީ، ފުރަތަމަ ފަހަރަށް އެ ޓީމު މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއަށް ދިއުމާ ގާތަށް ގެންގޮސްދީފައެވެ.

ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަނުން ވަނީ ކްރިސްޓިއަން ރޮމޭރޯގެ ލަނޑުން ފަރަގު ކުޑަކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ލިއޮނަލް މެސީ ވަނީ މުބާރާތުގައި އޭނާ ޖެހި އަށްވަނަ ލަނޑާ އެކު ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް މައްސަލަ އެ ވަރުން ނިމުނީއެއް ނޫނެވެ. އާޖެންޓީނާ މޮޅުވި ލަނޑު އެންޒޯ ފެނާންޑޭޒް ޖެހުމުގެ ކުރިން، އެލެކްސިސް މެކް އެލިސްޓާ، ހަމްދީ ފަތުހީގެ ޖާޒީއަށް ދަމައި ފައުލްކުރުމުން މިސްރަށް ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް އެ ޓީމުން ގަބޫލުކުރެއެވެ.

"އަހަރެމެންނަށް އިހުތިރާމެއް ނުވަތަ ފެއާޕްލޭއެއް ނުފެނުނު. އެއްވެސް އިހުތިރާމެއް އަދި ފެއާޕްލޭއެއް ނެތް،" ހަސަން ބުންޏެވެ.

"ޕެނަލްޓީއެއް ދޫކޮށްލީ، ވީއޭއާރް އިން ބަލައި ވެސް ނުލާ. ދެވަނަ ލަނޑު ކެންސަލް ކުރީ ހައިރާންވާ ފަދަ ގޮތަކަށް. ޖާޒީއަށް ދަމާފައިވާ މަންޒަރު އަހަރެމެން އެންމެންނަށް ފެނުނުއިރު ވެސް ވީއޭއާރްއިން ބަލައިވެސް ނުލާ."

ކުރިމަތިވި ބޭއިންސާފުގެ ސަބަބުން، މި މުބާރާތުގެ އިތުރު އެއްވެސް މެޗެއް ދެން ނުބަލާނެ ކަމަށް ހަސަން ބުންޏެވެ.

"މި ވޯލްޑް ކަޕްގެ މެޗެއް އަހަރެން ދެން ނުބަލާނަން،" އޭނާ އިތުރަށް ބުންޏެވެ.

ޔާސިރު އިބްރާހީމް ބޮލުން ޖެހި ލަނޑުން އީޖިޕްޓް ކުރިހޯދާފައި ވަނިކޮށް، ނިކޮލަސް ޓަގްލިއަފީކޯއަށް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ދިނެވެ.

ވޯލްޑް ކަޕްގައި ޕެނަލްޓީ ޖެހުމުގައި މެސީއަށް ދިމާވާ މައްސަލަތައް މި މެޗުގައި ވެސް ތަކުރާރުވިއިރު، އޭނާ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު މުސްތަފާ ޝުބޭރު ވަނީ ދިފާއުކޮށްފައެވެ.

އަށް ފަހަރު ބެލޮންޑޯ ހޯދާފައިވާ މެސީ ވަނީ ވޯލްޑް ކަޕްގައި ޕެނަލްޓީ ޝޫޓްއައުޓް ނޫން ގޮތަށް ލިބުނު އަށް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ނާކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މި މުބާރާތުގައި ނާކާމިޔާބުވި ދެ ޕެނަލްޓީ ހިމެނެއެވެ.

ހަސަން ތުހުމަތުކުރި ގޮތުގައި މުބާރާތުގެ އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ މުބާރާތުގައި ބެހެއްޓުމަށްޓަކައި އޮފިޝަލުންނަށް ވަނީ ޕްރެޝަރު ކުރިމަތިވެފައެވެ.

"ފަހަރުގައި އެމީހުން ބޭނުންވީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބައިތިއްބަން ކަމަށް ވެދާނެ. ފަހަރުގައި މެސީ މުބާރާތުގައި ބެހެއްޓުމަށް ބޭނުންވީ ކަމަށް ވެދާނެ،" ބީއިން ސްޕޯޓްސްއަށް އޭނާ ބުންޏެވެ.

"ފުޓްބޯޅައިގައި ބައެއް ފަހަރު ފަންނީ ކަންކަމަށް ވުރެ ބޭރުގެ ނުފޫޒުތައް ވަދޭ. ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފެންވަރެއްގައި އެހީތެރިކަން ލިބުނު."

އާންމުކޮށް ޑިފެންސް ވަރުގަދަކޮށް ކައުންޓާ އެޓޭކަށް ކުޅޭ ހަސަންގެ އާންމު އުކުޅުތަކާ ހިލާފަށް، މިސްރުން މި މެޗުގެ ކުރީކޮޅު ކުޅުނީ ހައިރާންވާ ފަދަ އެޓޭކިން ގޭމެކެވެ.

މީގެ ސަބަބުން މެޗުގެ ކުރީކޮޅު ލީޑު ނެގުމަށް އެހީތެރިވި ނަމަވެސް، ފުރަތަމަ ހާފު ނިމުނުއިރު ކުރީގައި އޮތުމުގެ މައިގަނޑު ސަބަބަކީ ކީޕަރު މުސްތަފާ ޝުބޭރު ދެއްކި މޮޅު ކުޅުމެވެ.

"ކުޅުންތެރިން ކުރި މަސައްކަތާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަހަރެމެންގެ ގިނަ ކުޅުންތެރިންނަކީ ލޯކަލް ލީގުގައި ކުޅޭ ކުޅުންތެރިން، އެކަމަކު އެހެން ގައުމީ ޓީމުތަކުގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕްގެ ޕްރޮފެޝަނަލް މާހައުލުގައި،" ހަސަން އިތުރަށް ބުންޏެވެ.

"އެހެން ނަމަވެސް، މުހައްމަދު ސަލާހް އަދި އުމަރު މާމޫޝް ފިޔަވައި ގިނައިން ލޯކަލް ކުޅުންތެރިންނާއެކު ނުކުމެ، ކޮންމެ ޓީމަކާ ވެސް ވާދަކުރެވޭނެކަން އަހަރެމެން ސާބިތުކޮށްދީފިން."

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު