ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"މިއީ ކުރިން ނިންމައިގެން ކުޅުނު މެޗެއް": މިސްރުގެ ފާޑުކިޔުން ރެފްރީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ވީއޭއާރް އަދި ޕެނަލްޓީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން އުފެދިފައިވަނިކޮށް، ރެފްރީ މިސްރަށް ”ޖެއްސުންކުރި“ ކަމަށް އެ ޓީމުގެ ފޯވާޑް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި އާޖެންޓީނާ އަތުން 3-2އިން މިސްރު ހިތްދަތި ގޮތަކަށް ބަލިވި މެޗަށް ފަހު، އެ ޓީމުގެ ފޯވާޑް މުސްތަފާ ޒީކޯ ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބައެއް މައްސަލަ ބޮޑު ނިންމުންތަކާ ގުޅިގެން އެ މެޗަކީ ”ކުރިން ނިންމައިގެން“ ކުޅުނު މެޗެއް ކަމަށް ބުނެފަ އެވެ.

މެޗުގެ ކުރީކޮޅު 2-0 ގެ ލީޑެއް ނަގައި، ވޯލްޑް ކަޕްގެ ތާރީޚުގައި ފެންނާނެ އެންމެ ބޮޑު ސަޕްރައިޒް ދިނުމާ ގާތަށް މިސްރު ދިޔަ ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަނުން ވަނީ ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުން އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

މެޗުގެ އެންމެ ބޮޑު ބަހުސަކަށް ވެގެންދިޔަ އެއް ހާދިސާއަކީ ޒީކޯ ކާމިޔާބުކުރި މޮޅު ލަނޑެއް، އޭގެ ކުރިން ފައުލެއް ވެފައިވާ ކަމަށް ބުނެ ވީއޭއާރްއިން ކެންސަލް ކުރުމެވެ.

ފެނާންޑޭޒް ބޮލުން ވައްދާލި މޮޅުވި ލަނޑުގެ ކުޑަވަގުތުކޮޅެއް ކުރިން، ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު ސަލާހަށް ފައުލްކޮށް ވައްޓާލުމުން ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް ބުނެ މިސްރުގެ ކުޅުންތެރިން ވަރަށް ބޮޑަށް ރުޅިގަދަވިއެވެ. 

”މިއީ ކުރިން ރާވައިގެން ކުޅުނު މެޗެއް. އެއީ އަހަރެމެންގެ ކުށެއް ނޫން. އެ ރެފްރީ... ހީވަނީ މި މެޗަކީ ކުރިން ރާވައިގެން ކުޅުނު މެޗެއްހެން. އަހަރެމެން 2-0އިން މޮޅުވަމުން ދަނިކޮށް، އޭނާ ދިޔައީ އަހަރެމެންނަށް ޖެއްސުން ކުރަމުން. ހީވާގޮތުން އާޖެންޓީނާއަށް އިތުރު ވޯލްޑް ކަޕެއްގެ މަރުހަބާ ކިޔަންވީ. އެއްވެސް ވަގުތެއްގައި މެޗުގެ ނަތީޖާ ކުރިން ނިމިފައިވާ ކަމަށް އަހަރެމެން ހިއެއް ނުކުރަން. އަހަރެމެންނަށް އެނގޭ އަހަރެމެން މި ކުރިމަތިލަނީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުންނާކަން.“މެޗަށް ފަހު ވާހަކަ ދައްކަމުން، ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރި ޒީކޯ ބުންޏެވެ:

”ރެފްރީ ރަނގަޅެއް ނޫން، އޭނާ އިންސާފެއްވެރިއެއް ނޫން ، އޭނާގެ ބޭއިންސާފުކަން ވަރަށް ސާފު. މެޗު ފެށުނީއްސުރެ އޭނާ ދިޔައީ އަހަރެމެންނަށް ޖެއްސުން ކުރަމުން. އޭނާ ބޭނުމެއް ނުވޭ އަހަރެމެން މޮޅުވާކަށް. މެޗު ފެށުމުގެ ކުރިން ވެސް އަހަރެމެންނަށް އެނގޭ އަހަރެމެން މި ކުރިމަތިލަނީ ވަރަށް ވަރުގަދަ، އަދި މުބާރާތުގެ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމާކަން. ނަމަވެސް، އެމީހުން މޮޅުވީ ހަމައެކަނި އަމިއްލަ ހުނަރުން ކަމަށްވާ ނަމަ، އަހަރެމެންނަށް މިއަށް ވުރެ މާ ފަސޭހައިން ގަބޫލުކުރެވުނީސް.“

ނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ވީއޭއާރްގެ ސަބަބުން ފުޓްބޯޅައިގެ ރީތިކަން ގެއްލެނީތޯއެވެ.

ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި ހިނގި ”ސްނިކޯމީޓަރު“ ގެ ހާދިސާއަށް ފަހު ވެސް މިފަދަ ބަހުސެއް ފެންމަތިވި އެވެ. މިއީ ފުޓްބޯޅައަށް ޓެކްނޮލޮޖީގެ ނުފޫޒު ފޯރަންވީ މިންވަރާ މެދު އަނެއްކާ ވެސް ސުވާލު އުފެދުނު ކަމެކެވެ. ޓެކްނޮލޮޖީގެ ބޭނުމަކީ ކުޅިވަރުގެ ރީތިކަން ހަލާކުކޮށްލުމެއް ނޫނެވެ. ނުތަނަވަސްކަމާއި ހައިރާންކަމަކީ ވެސް ކުޅިވަރުގެ ބައެކެވެ.

ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ހުރި ނަމަވެސް، މުބާރާތުން ކެޓުމުގެ ހުރިހާ އިލްޒާމެއް މިސްރަށް ހަމައެކަނި ވީއޭއާރްގެ ބޮލުގައި އެޅުވޭކަށް ނެތެވެ.

މެޗު ނިމެން އެންމެ 12 މިނެޓާއި އިތުރު ވަގުތަށް ވެފައި ވަނިކޮށް 2-0 އިން އެމީހުން ކުރީގައި ތިބިއިރު، ލީޑު ހިފަހައްޓައެއް ނުގަނެވުނެވެ. ނިންމުންތަކާ މެދު ކިތަންމެ ބަހުސެއް ކުރި ނަމަވެސް، ދުނިޔޭގެ ޗެމްޕިއަނުންގެ ކުރިމަތީގައި މިފަދަ ބޮޑު ލީޑެއް ގެއްލުވާލުމުގެ ޒިންމާ މިސްރުން އަމިއްލައަށް އުފުލަންޖެހޭނެއެވެ.

ފުރަތަމަ ޖެހި ލަނޑު ކެންސަލް ކުރުމުން ލިބުނު މާޔޫސްކަމަށް ފަހު ވެސް، ޒީކޯ ވަނީ އަލުން ލަނޑެއް ޖަހައި މިސްރަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ނަމަވެސް، އެންމެ ފަހުން ލިއޮނަލް މެސީ ވަނީ އޭނާއަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަން އަނެއްކާ ވެސް ސާބިތުކޮށްދީފައެވެ. އާޖެންޓީނާގެ ކެޕްޓަންގެ މޮޅު ކުޅުމާ އެކު، އެންމެ ފަހުގެ ޗެމްޕިއަނުން ވަނީ ފުލުފުލުގައި ތިން ލަނޑު ޖަހައި، މިސްރުގެ ތާރީޚީ ވޯލްޑް ކަޕް ދަތުރު ހިތްދަތި ގޮތަކަށް ނިންމާލައިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު