ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"މޯލްޑިވްސް ޕްރޯ" ބޮޑީބޯޑިންގ މި އަހަރު އޮންނާނީ ކ. ތުލުސްދޫގައި

ޝެއާ ކުރޭ Facebook Telegram Viber X

ކުޅިވަރާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން ގުޅިގެން އަންނަ އޮގަސްޓް މަހުގެ 11އިން 21އަށް ބާއްވާ ބައިނަލްއަޤްވާމީ ބޮޑީބޯޑިންގ މުބާރާތް "މޯލްޑިވްސް ޕްރޯ 2026"ކ. ތުލުސްދޫގައި ކުރިއަށްގެންދިއުމަށް ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ކުރިން މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ބާއްވަމުން އައި މި މުބާރާތް މިއަހަރު ތުލުސްދޫއަށް ބަދަލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅެއްގެ މަތިން، ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައެވެ. ހ. ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ބޮޑީބޯޑިންގ އެސޯސިއޭޝަނުގެ ރައީސް ޙުސައިން ނިޒާމް ވިދާޅުވީ، ރާޅާއެޅުން ކުރިއެރުވުމަށް މާލޭގައި ސްޓޭޑިއަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިހާރު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މި މުބާރާތުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ މޮޅެތި ރާޅާއެޅުންތެރިންނާއެކު ވާދަކުރުމުގެ ފުރުޞަތު ދިވެހި އެތުލީޓުންނަށް ފަހިވެގެންދާނެއެވެ. އަދި ތުލުސްދޫއަކީ ރާޅާއެޅުމަށް މަޝްހޫރު މަންޒިލަކަށް ވުމާއެކު، މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ބައިނަލްއަޤްވާމީ މައިދާނުގައި އިޝްތިހާރުވެ، މި ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަން ނިޒާމް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕްރޯގެ ރަސްމީ ޕޯސްޓަރު މި ބައްދަލުވުމުގައި ނެރެދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މީގެ ކުރިން 2022، 2023އަދި 2024ވަނަ އަހަރު ވެސް މޯލްޑިވްސް ޕްރޯ ބާއްވާފައިވާއިރު، މިއީ މެދުކެނޑުމަކަށް ފަހު މި މުބާރާތް އަލުން ބާއްވާ ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު