އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ދުނިޔޭގެ ޓުއާގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ މުބާރާތް، "މޯލްޑިވްސް ޕްރޯ 2026"ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ހަވީރު ކ. ތުލުސްދޫގައި ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.
މި މުބާރާތް ފެށުމަށް ޓަކައި ތުލުސްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް ހުސައިން ނިޒާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންވެސް މި ހަފުލާގައި ފެނިގެންދިޔައެވެ.
މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރިގަދަ މުބާރާތުގެ ހީޓުތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ތިން ޑިވިޝަނެއް ހިމެނޭއިރު، އޭގެ ތެރޭގައި ފިރިހެނުންގެ ރައިޒިން ސީރީސް އާއި، އަންހެނުންގެ ޕްރައިމް ސީރީސްގެ އިތުރުން ފިރިހެނުންގެ ޖޫނިއަރ ރައިޒިން ސީރީސް ޑިވިޝަން ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
އެންމެ ފުރަތަމަ 2022ވަނަ އަހަރު ތައާރަފުކުރި މޯލްޑިވްސް ޕްރޯ، ޖެހިޖެހިގެން ތިން އަހަރު ބޭއްވުމަށްފަހު މިދިޔަ އަހަރު ވަނީ މެދުކެނޑިފައެވެ. ނަމަވެސް އަލުން މި މުބާރާތް ފެށިގެންދާއިރު، މިއީ މާލޭގެ ވަރުނުލާ ރާޅުގަނޑު ފިޔަވައި އެހެން ސަރަހައްދެއްގައި މި އިވެންޓް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވްސް ޕްރޯ މުޅިން އަލަށް ތުލުސްދޫގައި ބޭއްވި ނަމަވެސް، މިއީ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތްތަކަށް އެރަށް އާ ފަހަރެއް ނޫނެވެ. އެގޮތުން 2024ވަނަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެސް ނުހަނު ކާމިޔާބުކަމާ އެކު އެ ރަށުގައި ވަނީ އިންތިޒާމުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.