ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއަރ "މޯލްޑިވްސް ޕްރޯ"ބޮޑީބޯޑިންގ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ރާއްޖޭގެ ފަޚުރުވެރި ދެ ބޮޑީބޯޑަރުން ކަމަށްވާ އަލީ ޚުޝްރުވާން (ކުޑައައްޔަ)އަދި އާމިން އުމަރު މޫސާ އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޤައުމީ ޗެމްޕިއަން އާމިން ސެމީއަށް ދަތުރުކުރީ ކުއާޓާގެ ހަތަރުވަނަ ހީޓުގައި ހޫގޯ ނައުޑޭއާ ވާދަކޮށް، 13.25ޕޮއިންޓު ހޯދައިގެންނެވެ. ހޫގޯއަށް ލިބުނީ 13.00ޕޮއިންޓެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ޚުޝްރުވާން ސެމީގެ ޖާގަ ޔަޤީންކުރީ ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ ނޫހް މުހައްމަދު ދުނައިމް އިރުޝާދު ބަލިކުރުމަށްފަހުގައެވެ.
ކުއާޓާގެ ފުރަތަމަ ހީޓުގައި ޚުޝްރުވާން އާއި ނޫހް ވާދަކުރިއިރު، 14.50ގެ ސްކޯއަކާއެކު ޚުޝްރުވާން ކުރިހޯދީ އެންމެ 0.9ޕޮއިންޓުގެ ތަފާތަކުންނެވެ. ނޫހްއަށް ހޯދުނީ 13.60ޕޮއިންޓެވެ. މި ހީޓުގައި ޚުޝްރުވާންގެ އެންމެ ރަނގަޅު ހުށަހެޅުން ފެނިގެންދިޔައީ ތިންވަނަ އަދި ހަތަރުވަނަ ރާޅުންނެވެ. އެއީ 7.00އަދި 7.50ޕޮއިންޓެވެ. ނޫހް އެންމެ މަތިން ސްކޯކޮށްފައި ވަނީ އޭނާގެ ހަތްވަނަ އަދި އަށްވަނަ ރާޅުގައެވެ. އެގޮތުން ހަތްވަނަ ރާޅުން 6.50ޕޮއިންޓު އަދި އަށްވަނަ ރާޅުން 7.10ޕޮއިންޓު ވަނީ ހޯދާފައެވެ. އަނެއްކޮޅުން، އާމިންގެ އެންމެ ކާމިޔާބު ރާޅުތަކަކީ 6.00ޕޮއިންޓު ހޯދި ފުރަތަމަ ރާޅާއި 7.25ޕޮއިންޓު ހާސިލުކުރި ތިންވަނަ ރާޅެވެ.
ކުއާޓާ ފައިނަލްގައި މި ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ އަޝްރަފް ހަސަން ވެސް ވާދަކުރިއެވެ. މުބާރާތުގެ ކުރިއަށް އޮތް ސެމީ ފައިނަލް މެޗުތަކަށް ބަލާއިރު، ޚުޝްރުވާން ނުކުންނާނީ އައިބީސީގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ވަރުގަދަ އެތުލީޓެއް ކަމަށްވާ ޕިއެރޭ ލުއިސް ކޮސްޓެސް (ޕީއެލްސީ)އާ ދެކޮޅަށެވެ. އަދި އާމިން ވާދަކުރަން ހަމަޖެހިފައިވަނީ ސެމީގެ ދެވަނަ ހީޓުގައި އާމިޑޭ ސޮލިވެރެސް އާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.