ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޯލްޑިވްސް ޕްރޯ 2026ގެ ރަން ވަނަތައް ޕިއޭއާއި ނަމިކާއަށް

ޝެއާ ކުރޭ Facebook Telegram Viber X

އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއަރގެ ދަށުން ކ. ތުލުސްދޫގައި މިއަދު ނިމިގެންދިޔަ ބައިނަލްއަޤުވާމީ ބޮޑީބޯޑިންގ މުބާރާތް "މޯލްޑިވްސް ޕްރޯ 2026"ގެ ފިރިހެނުންގެ އެންމެ ޝަރަފުވެރި މަޤާމު ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސް ހޯދިއިރު، އަންހެނުންގެ ޗެމްޕިއަންކަން ޖަޕާނުގެ ނަމިކާ ޔަމަޝިޓާ އުފުލާލައިފިއެވެ.

ތުލުސްދޫގެ މަޝްހޫރު "ކޯކްސް"ރާޅުގަނޑުގައި ކުރިއަށްދިޔަ ފިރިހެނުންގެ ރައިޒިން ސީރީސް ޑިވިޝަންގެ ފައިނަލް ހީޓުގައި، ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ދެ ފަހަރު ހޯދާފައިވާ ޕިއޭ ކުރިހޯދީ ކެނަރީ އައިލެންޑްސްގެ އާރްމީޑޭ ސޮލިވެރެސްއާ ވާދަކޮށެވެ. މޯލްޑިވްސް ޕްރޯގެ ތާޖު ދިފާޢުކުރަން ނުކުތް އަދި 2024ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން އާރްމީޑޭއަށް 14.50ޕޮއިންޓް ލިބުނުއިރު، ޕިއޭ ވަނީ 18.50ގެ މަތީ ސްކޯއެއް ހަދައި ރަން މެޑަލް ކަށަވަރުކޮށްފައެވެ.

އަންހެނުންގެ ޕްރައިމް ސީރީސް ޑިވިޝަންގެ ފައިނަލް ވެސް މިއަދު އޮތްއިރު، މި ބައިގެ ތާޖު ނަމިކާ ހޯދީ ޕޯޗުގަލްގެ ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ޖޮއާނާ ޝެންކާގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ހީޓުގައި ޖޮއާނާއަށް 12.80ސްކޯ ކުރެވުނުއިރު، ނަމިކާ އެއްވަނަ މަޤާމަށް ދިޔައީ 13.35ޕޮއިންޓް އެއްކޮށްގެންނެވެ.

މީގެ އިތުރުން މި މުބާރާތުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ފިރިހެނުންގެ ޖޫނިއަރ ރައިޒިން ސީރީސް ޑިވިޝަންގެ އެއްވަނަ މަޤާމު ދިވެހިރާއްޖޭގެ ހުނަރުވެރި އެތުލީޓު އިޔަން އަޙްމަދު ހޯދުމެވެ. މުބާރާތުގެ ހުރިހާ ހީޓުތަކެއް މިއަދު ކާމިޔާބުކަމާ އެކު ނިންމާލާފައިވާއިރު، ރަސްމީކޮށް އިނާމު ދިނުމާއި މުބާރާތް ނިމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.

މެދުކެނޑުމަކަށްފަހު މިއަހަރު މޯލްޑިވްސް ޕްރޯ ބާއްވާފައިވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބޭއްވި ހަތަރުވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2022ވަނަ އަހަރު މި އިވެންޓް ތަޢާރަފުކުރުމަށް ފަހު 2023އަދި 2024ގައި ވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިދިޔަ އަހަރު މުބާރާތް އޮތީ މެދުކަނޑާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު