ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޯލްޑިވްސް ޕްރޯ:ސެމީގައި ސީނިއަރ ބޮޑީބޯޑަރުންނަށް ނާކާމިޔާބު!

ޝެއާ ކުރޭ Facebook Telegram Viber X

ކ. ތުލުސްދޫގައި ކުރިއަށްދާ އައިބީސީ މޯލްޑިވްސް ޕްރޯ 2026ބޮޑީބޯޑިން މުބާރާތުގެ ޖޫނިއަރ ރައިޒިން ސީރީސްގެ ޗެމްޕިއަންކަން ރާއްޖޭގެ އިޔަން އަޙްމަދު މިއަދު ހޯދިއިރު، ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކޮށް ފިރިހެނުންގެ ސީނިއަރ ސެމީ ފައިނަލުން ރާއްޖޭގެ އެތުލީޓުން ކަޓައިފިއެވެ.

މި މުބާރާތުގެ ޒުވާން އުމުރުފުރާގެ ބައިގައި ވާދަކުރި ރާއްޖޭގެ ތިން ބައިވެރިން ވެސް ވަނީ އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއަރގެ ފަހު މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. އެއްވަނަ ހޯދި އިޔަން 13.90ގެ ސްކޯއެއް ހެދިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރި ނޫހު މުޙައްމަދު ދުނައިމް އިރުޝާދަށް ލިބުނީ 13.75ޕޮއިންޓެވެ. ތިންވަނައިގައި ހިމެނުނު ދާއިން ޢަބްދުލް ފައްތާހަށް ލިބިފައިވަނީ 6.00ގެ ސްކޯއެކެވެ.

ޖޫނިއަރ ބައިން ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް ލިބުނު ނަމަވެސް، ފިރިހެނުންގެ ރައިޒިން ސީރީސްގެ ސެމީ ފައިނަލް ހީޓުތަކުގައި ވާދަކުރި ރާއްޖޭގެ އެންމެ މޮޅު ދެ ބޮޑީބޯޑަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ފުރަތަމަ ސެމީގައި ރާއްޖޭގެ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)ބަލިވީ ފަރަންސޭސިވިލާތުގެ ތަޖުރިބާކާރު އެތުލީޓު އަދި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޕިއޭ ލުއިސް ކޮސްޓެސް އަތުންނެވެ. މި ހީޓުގައި ޕިއޭ 14.40ގެ ސްކޯއެއް ހޯދިއިރު، ކުޑަ އައްޔައަށް އެއްކުރެވުނީ 13.60ޕޮއިންޓެވެ.

ދެވަނަ ސެމީ ފައިނަލްގައި ރާއްޖޭގެ އާމިން އުމަރު މޫސާއާ ދެކޮޅަށް ނުކުތީ 2024ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ފަހުގެ ތާޖު އުފުލާލި ކެނަރީ އައިލެންޑްސްގެ އާރްމީޑޭ ސޮލިވެރެސްއެވެ. އާމިންއަށް 12.50ޕޮއިންޓް ލިބުނުއިރު، އާރްމީޑޭ ވަނީ 15.50ގެ މަތީ ސްކޯއަކުން ފައިނަލުގެ ޖާގަ ޔަޤީންކޮށްފައެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު މޯލްޑިވްސް ޕްރޯ ބާއްވާއިރު، މިއީ ރާއްޖޭގައި މި ބައިނަލްއަޤުވާމީ މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު