ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން (މިޔަޓް)އިން އިންތިޒާމުކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ފައިނަލްގައި އެޕޮކަލިޕްސް އެސްސީގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ތަށި މަލްޓި އެކްސް ކަންމަތި އެފްސީން އުފުލާލައިފިއެވެ.
ރޭ ތުލުސްދޫގެ ފުޓްސަލް ދަނޑުގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު ކަންމަތި އެފްސީން ކާމިޔާބުކުރީ 1-0ގެ ހަނި ތަފާތަކުންނެވެ. 2022ވަނަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ އެޕޮކަލިޕްސް ކޮޅަށް މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުބާރާތުގެ "މިޔަޓް ފުޓްސަލް ކިންގް"ގެ މަގާމު ވެސް ހާސިލުކުރި ޢަބްދުالله ޝާފިއުއެވެ. މިއީ 2018އަދި 2019ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރި ކަންމަތި އެފްސީން މި ފިއެސްޓާގެ ރަން މެޑަލް ހޯދި ތިންވަނަ ފަހަރެވެ.
ޖުމްލަ ނުވަ ޓީމު ވާދަކުރި މި ފިއެސްޓާގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ކަންމަތި އެފްސީގެ ހުސައިން ސުހައިލް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާގެ އިތުރުން ހިމެނިފައި ވަނީ ޝާފިއު އާއި އެޕޮކަލިޕްސްގެ ހުސައިން ޝަރީފް، އަޙްމަދު އަފްލާޒް އަދި ގޯލްކީޕަރު ނައްފާޒް ސައުދެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.
ފިރިހެނުންގެ މުބާރާތުގެ އިތުރުން، އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން "މިޔަޓް ފެމީނާ ފުޓްސަލް"ގެ ނަމުގައިވެސް ވަނީ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. ހަތަރު ޓީމަކާއެކު ކުޅެވުނު މި މުބާރާތުގެ ޗެމްޕިއަންކަން މާފުށި ކައުންސިލްގެ ޓީމުން ހޯދީ، ފައިނަލްގައި ދިއްފުށި ވިމެންސް ފުޓްސަލް ޓީމުގެ މައްޗަށް 1-0އިން ކުރި ހޯދައިގެންނެވެ.
މި ފިއެސްޓާގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކަކާއި ވެޓެރަންސް ފުޓްސަލް މެޗެއްވެސް ކުޅެވުނެވެ. ތުލުސްދޫ ވެޓެރަންސްއާ ވާދަކޮށް މި މެޗު ކާމިޔާބުކުރީ ދިއްފުށި ވެޓެރަންސް ޓީމުންނެވެ. އިންތިޒާމުކުރާ ފަރާތުން ބުނެފައިވާ ގޮތުގައި މި ފަހަރުގެ ފިއެސްޓާއަކީ ވަރަށް ކާމިޔާބު، ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދިޔަ ފިއެސްޓާއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.