ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން ލ. ކުނަހަންދޫގައި ބާއްވާ "ކުނަހަންދޫ ވިމެންސް ކަޕް"ގެ ފޯރިގަދަ ދެވަނަ މެޗުގައި، ޕިންކް ލޭޑީގެ މައްޗަށް ފަސް ވިކެޓުން ކުރިހޯދައި މޫން ސްޓާއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި މެޗުގައި ފުރަތަމަ ގުރު ދިމާވުމުން މޫން ސްޓާއިން ނިންމީ ހޮވަން އެރުމަށެވެ. އެހެންކަމުން ޕިންކް ލޭޑީ ކުޅެން އަރައި، 17.4އޯވަރުގެ ތެރޭގައި އެ ޓީމަށް އެއްކުރެވުނީ 142ލަނޑެވެ. މި އިނިންގްސްގައި ޕިންކް ލޭޑީއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 34ލަނޑު އެއްކުރި ފާތިމަތު ޔަލީނާއެވެ. އަނެއްކޮޅުން މޫން ސްޓާގެ އުކުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ 39ލަނޑަށް ދެ ވިކެޓު ވައްޓާލި ފާތިމަތު ހިދާޔަތުއެވެ.
ނަތީޖާ ނެރުމަށް ޓަކައި 143ލަނޑުގެ އަމާޒަކާ އެކު ކުޅެން އަރައި، މޫން ސްޓާއިން ވަނީ 16އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 143ލަނޑު ހަދައި މެޗުގެ ކާމިޔާބީ ކަށަވަރުކޮށްފައެވެ. މޫން ސްޓާގެ ބެޓްސްމަނުންގެ ތެރެއިން 38ލަނޑު ހަދައިދިން ފާތިމަތު އާލާގެ ދައުރު މި މޮޅުގައި ބޮޑެވެ. މި ހާފުގައި ޕިންކް ލޭޑީން އެންމެ މޮޅަށް އުކީ 39ލަނޑަށް އެއް ވިކެޓު ހޯދި ޝާހީނާ އަބްދުއްސަމަދެވެ.
މުޅި މެޗުގައި ދެއްކި މޮޅު ކުޅުމަށް ބިނާކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާސިލުކުރީ މޫން ސްޓާގެ ފާތިމަތު ހިދާޔަތުއެވެ.
ކުނަހަންދޫ ކްރިކެޓް ދަނޑުގައި މި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި މުބާރާތުގައި ދެން އޮންނާނީ ސުޕަރ ގާލްސްއާއި ޕިންކް ލޭޑީ ވާދަކުރާ މެޗެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.