ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ މި މަހުގެ 11ގައި ފަށާނެ

ޝެއާ ކުރޭ Facebook Telegram Viber X

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން މިއަހަރު ބާއްވާ އެންމެ ފަހުގެ ޓީ- 20މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް، ޕްރިމިއަރ ލީގުގެ އެންމެ މޮޅު ހަތަރު ޓީމާއެކު މި މަހުގެ 11ވަނަ ދުވަހު ކުޅިވަރު އެކުވެނި ދަނޑުގައި ފެށުމަށް ނިންމައިފިއެވެ.

މި މުބާރާތުގައި ވާދަކުރާނީ ދާދި ފަހުން ނިމުނު ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު މާލޭ ސްޕޯޓްސް ކްލަބާއި، ސީބީއެލްގެ އިތުރުން އަނާކީ އެސްސީ އަދި ނިއު ސްޓާއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމު ކަމަށްވާ މާލެ ސްޕޯޓްސް އާއި ސީބީއެލްއެވެ. މި ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުގެ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

ފުރަތަމަ މެޗުން ބަލިވާ ޓީމަކަށް ފައިނަލަށް ދިއުމަށް އިތުރު ފުރުސަތެއް ލިބޭނެއެވެ. އެގޮތުން އެލިމިނޭޓަރ މެޗުގައި އަނާކީ އާއި ނިއު ސްޓާ ވާދަކޮށް މޮޅުވާ ބަޔަކު ނުކުންނާނީ ފުރަތަމަ މެޗުން ބަލިވި ޓީމާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މި މެޗުން ކުރި ހޯދާ ޓީމަކަށެވެ. ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11، 12އަދި 19ވަނަ ދުވަހުއެވެ.

ސީބީއެމްގެ ކަލަންޑަރުގައި ދެން އޮތީ އަންނަ މަހު ފަށާ ޓީ- 10ކްރިކެޓް މުބާރާތެވެ. މީގެ އިތުރުން، އަންނަ މަހު މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2028ވަނަ އަހަރުގެ އައިސީސީ މެންސް ޓީ- 20ވޯލްޑް ކަޕްގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

މި ކޮލިފައިން މުބާރާތަށް އިތުރަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާގައި ޚާއްސަ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކުރުމަށް ގައުމީ ޓީމު މި މަހުގެ 27ވަނަ ދުވަހު އެ ގައުމަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު