ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެލެންޖް ކަޕްގެ ފައިނަލަށް މާލޭ ސްޕޯޓްސްއާއި ސީބީއެލް

ޝެއާ ކުރޭ Facebook Telegram Viber X

މިއަހަރުގެ ކްރިކެޓް ސީޒަން ނިންމާލުމުގެ ގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން މާފަންނު އެކުވެނީގައި ބާއްވާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ފައިނަލްގެ ޖާގަތައް މާލޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލްއިން ކަށަވަރުކޮށްފިއެވެ.

ލީގު ބުރުގެ ގަދަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ނުކުތީ ލީގުގެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ސީބީއެލްއާއި މާލޭ ސްޕޯޓްސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ 20އޯވަރު ހަމަވީ ދެ ޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް 156ލަނޑު ހެދި އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޓަކައި ކުޅުނު ސުޕާ އޯވަރުން ކުރިހޯދައި، ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ މާލޭ ސްޕޯޓްސްއިންނެވެ.

ފައިނަލްގެ ދެވަނަ ޖާގަ ސީބީއެލް އަށް ލިބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކުޅެވޭގޮތް ނުވި ދެވަނަ ސެމީ ފައިނަލް މެޗުގެ ނަތީޖާ މުބާރާތުގެ ގަވާއިދުގެ ތެރެއިން ނިންމަން ޖެހުމުންނެވެ. އެލިމިނޭޝަން ބުރުގައި ނިއު ސްޓާރގެ މައްޗަށް 115ލަނޑުގެ ބޮޑު ތަފާތަކުން ކުރިހޯދައިގެން އަނާކީ އެސްސީ އިން ދެވަނަ ސެމީއަށް ދަތުރުކުރި ނަމަވެސް، ވިއްސާރައާ ހުރެ އެ މެޗު ވަނީ ކެންސަލްކޮށްފައެވެ. އެހެންކަމުން ސީބީއެމް އިން ނިންމާފައިވަނީ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ސީބީއެލް މޮޅުވެފައިވާތީ، ފައިނަލަށް ދާނީ އެ ޓީމު ކަމަށެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅެވުނު ހަމައެކަނި މެޗު ކަމަށްވާ ފުރަތަމަ ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ 62ލަނޑު އެއްކުރި މާލޭ ސްޕޯޓްސްގެ މުހައްމަދު ޝިޔާމް އެވެ.

ސީބީއެމްގެ މިއަހަރުގެ ކަލަންޑަރުގައި ހިމެނޭ އެންމެ ފަހުގެ ޓީ 20މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19ވަނަ ދުވަހުގެ މެންދުރުފަހު 1:30ގައި މާފަންނު ކުޅިވަރު އެކުވެނީގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު