ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ ކުނަހަންދޫ ވިމެންސް ކަޕްގެ ފުރަތަމަ މެޗުގައި ޕިންކް ލޭޑީއާ ވާދަކޮށް ތިން ވިކެޓުން ކުރިހޯދައި، ސުޕާ ގާލްސް ޓީމުން އެ މުބާރާތުގެ ފެށުން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މި މެޗުގެ ގުރުދިމާވުމުން ޕިންކް ލޭޑީން ނިންމީ ކުޅެން އެރުމަށެވެ. އެގޮތުން އެ ޓީމު ކުޅެން އަރައި ފަނަރަ އޯވަރާއި ފަސް ބޯޅައިގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެއްކުރެވުނީ 150ލަނޑެވެ. ޕިންކް ލޭޑީން އެންމެ ގިނަ ލަނޑު ހެދީ 42ލަނޑު އެއްކުރި ޒީޝާން ހާފިޒެވެ. ސުޕާ ގާލްސްއިން އެންމެ މޮޅަށް އުކީ 23ލަނޑަށް ތިން ވިކެޓު ނެގި ސުމާ ބިންތި ލަތީފެވެ.
ޖަވާބުގައި ކުޅެން އަރައި ސުޕާ ގާލްސްއިން ވަނީ ތިން ވިކެޓަށް 152ލަނޑު ހަދައި، މެޗުގެ މޮޅު ކަށަވަރުކޮށްފައެވެ. އެ ޓީމުގެ ފަރާތުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ 47ލަނޑު ހެދި ސުމާއެވެ. އޭނާ ވަނީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކޮށްފައެވެ. ޕިންކް ލޭޑީ ޓީމުން އެންމެ ރަނގަޅަށް އުކީ 56ލަނޑަށް ދެ ވިކެޓު ނެގި އާމިނަތު ނަތާޝާއެވެ.
މި މަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށް ކުނަހަންދޫ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެއެވެ. މުބާރާތުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕިންކް ލޭޑީއާއި މޫން ސްޓާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.