ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭސީސީ ޗެލެންޖަރކަޕްގައި ވާދަކުރުމަށް ޤައުމީ ކްރިކެޓް ޓީމު ސިންގަޕޫރަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)އިން އިންތިޒާމުކޮށްގެން ބާއްވާ "އޭސީސީ މެންސް ޗެލެންޖަރ ކަޕް 2026"ގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފިރިހެން ކްރިކެޓް ޓީމު ސިންގަޕޫރަށް ފުރައިފިއެވެ.

މި މަހުގެ 8އިން 22ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ 50 އޯވަރުގެ އެއްދުވަހުގެ މެޗުތައް ކުޅޭ މުބާރާތެކެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސިންގާ އޯވަލް އަދި އެސްއެންސީޖީ އޯވަލްގައެވެ.

މުބާރާތަށް ފުރުމުގެ ކުރިން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރާއި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުޙައްމަދު ފައިޞަލްއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ ވޭތުވެދިޔަ މަހެއްހާ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ހެޑް ކޯޗު އިސްމާޢީލް ނިހާދުއެވެ. ޓީމުގެ މެނޭޖަރަކީ އަޙްމަދު ނީޝާމް ނާޞިރެވެ. ފިޒިއޯއަކީ އިސްމާޢީލް ޝަހީދުއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 10ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ސިންގަޕޫރާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެގަޑިން ހެނދުނު 06:30ގައެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ހޯސްޓް ސިންގަޕޫރާއި މިޔަންމާއާ އެކު ގްރޫޕް ބީގައެވެ. މުބާރާތުގެ ގްރޫޕް އޭގައި މެލޭޝިއާ، ޗައިނާ އަދި މޮންގޯލިއާ ހިމެނޭއިރު، ގްރޫޕް ސީގައި އޮތީ ތައިލެންޑް، ބޫޓާން އަދި ތަޖިކިސްތާނެވެ. އަދި ގްރޫޕް ޑީ ގައި ހިމެނެނީ ކެމްބޯޑިއާ، އިންޑޮނޭޝިއާ އަދި އުޒްބެކިސްތާނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް އޭސީސީ މެންސް ޕްރިމިއަރ ކަޕުން ފުރުޞަތު ލިބިގެންދާނެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު