މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އޭސީސީ މެންސް ޗެލެންޖަރ ކަޕްގެ ކުއާޓަރ ފައިނަލްގައި ތައިލެންޑް އަތުން 95 ލަނޑުންން ބަލިވެ، ދިވެހިރާއްޖެ މުބާރާތުން ކަޓައިފިއެވެ.
ފުރަތަމަ ބެޓްކުރަން އެރި ތައިލެންޑުން ވަނީ ކުރީކޮޅު ޑިސިޕްލިންޑް ކުޅުމެއް ދައްކައި، ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) އިނިންގްސްއެއް ބިނާކުރާނެ ގޮތް ދައްކުވައިދީފައެވެ. ނަމަވެސް، ރާއްޖޭގެ އާދަޔާ ހިލާފު އުކުންތަކާ އެކު އެންމެ ފަހު 5 ވިކެޓް އެންމެ 50 ލަނޑު ހަދައި ، ތައިލެންޑްގެ ހުރިހާ ކުޅުންތެރިން 296 ލަނޑަށް ވަނީ އައުޓްކޮށްފައެވެ.
ޖަވާބުގައި ރާއްޖެއިން ކުޅެން އަރައި ކުރި މަސައްކަތް ފުރަތަމަ އޯވަރުން ފެށިގެން ވެސް އޮތީ ތައިލެންޑްގެ ކޮންޓްރޯލްގެ ދަށުގައެވެ. ރާއްޖޭގެ ތަޖުރިބާކާރު ބެޓްސްމަނުން ހިފަހައްޓާފައިވީ ނަމަވެސް، 34 ބޯޅައިން 41 ލަނޑު ހެދި ޝަފްރާޒް ޖަލީލާއި 48 ބޯޅައިން 46 ލަނޑު ހެދި ހާޒިގްގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންދިޔައެވެ.
މި މެޗްގައި ތައިލެންޑްގެ އުކުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން ކޮންމެ އުކުންތެރިއެއް އުކި އޯވަރަކުން ވެސް 6ލަނޑަށް ވުރެ އިތުރު ކުރެވޭނެ ގޮތެއް ރާއްޖެއަކަށް ނުވިއެވެ.
ކްރިކެޓް ބޯޑުން ވަނީ މި ސަރަހައްދުގައި މިފަދަ މުބާރާތްތައް ބޭއްވުމަށް އޭޝިއަން ކްރިކެޓް ކައުންސިލުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށް ސިންގަޕޫރުން ދިން ފުރިހަމަ މެހެމާންދާރީއަށް ޓަކައި މުބާރާތް ހޯސްޓްކޮށްދިން ސިންގަޕޯރ ކްރިކެޓް އެސޯސިއޭޝަނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.