އައިސީސީ މެންސް ޓީޓްވެންޓީ ވޯލްޑް ކަޕް ދެހާސް އަށާވީހުގެ ސަބް ރީޖަނަލް ކޮލިފައިން ގްރޫޕް ބީ ގައި މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، އޭނާގެ ކާމިޔާބު ބައިނަލްއަގުވާމީ ކެރިއަރަށް ނިމުން ގެނެސް، ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އުމުރުން އެންމެ ސޯޅަ އަހަރުގައި ދިވެހިރާއްޖެ ތަމްސީލުކުރަން ފެށި ހާޒިގަކީ، 2010ވަނަ އަހަރު އޭސީސީ ޗެލެންޖް ޓްރޮފީ ރާއްޖެއަށް ކާމިޔާބުކޮށްދިން ތާރީޚީ ސްކޮޑުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ވޭތުވެދިޔަ 16 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ގައުމީ ޖާޒީގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމަކާއި ނަމޫނާ ލީޑަރޝިޕެއް ދައްކައިދީފައެވެ.
ހާޒިގު ކުޅުމާ ދުރަށް ދިއުމާ ގުޅިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އިސްވެރިން ވަނީ އޭނާގެ އަގުހުރި ހިދުމަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެގޮތުން، އެ ބޯޑުގެ ރައީސް މުޙައްމަދު ފައިޞަލް ސިފަކުރެއްވި ގޮތުގައި ހާޒިގަކީ ގައުމީ ޓީމުގެ ވަރަށް މުހިންމު ތަނބެކެވެ. އަދި އޭނާ ގައުމު ތަމްސީލުކޮށްފައިވަނީ ނަމޫނާ އަހުލާގަކާއެކު ފަޚުރުވެރިކަމާ އެކީގައިކަން ފާހަގަކުރައްވައި، ފައިސަލް ވަނީ ހާޒިގަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މައިދާނުން ހާޒިގުގެ އުނިކަން އިހުސާސްކުރެވުނު ކަމުގައިވިޔަސް، ސީބީއެލް ސްޕޯޓްސްގެ ކެޕްޓަނުގެ ހައިސިއްޔަތުން އެތެރޭގެ މުބާރާތްތަކުގައި އޭނާ އިތުރު ކާމިޔާބީތައް ހޯދާނެކަމުގެ ޔަގީންކަން އެބައޮތެވެ. އެ ކްލަބާއެކު އޭނާ ވަނީ މިހާތަނަށް 17ތަށި އުފުލާލާފައެވެ.
ގައުމީ ޓީމުގެ ކޯޗުން ކަމަށްވާ އިސްމާޢީލް ނިހާދު އަދި އަޙްމަދު ނީޝާމް ވެސް ވަނީ ހާޒިގާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކުރައްވާފައެވެ. ކޯޗު ނިހާދު ބުނި ގޮތުގައި ހާޒިގަކީ އެންމެނާ ގުޅޭ އެކުވެރި މިޒާޖެއްގެ މޮޅު ކުޅުންތެރިއެކެވެ. އަދި ކޯޗު ނީޝާމް ވަނީ ހާޒިގު ޓީމަށް ޓަކައި ވެފައިވާ ގުރުބާނީއާއި، ދައްކައިދިން ސާބިތުކަމާއި އަމިއްލަ އެދުމެއް ނެތް މަސައްކަތްތަކަށް ޓަކައި ހާއްސަ ޝުކުރެއް ރައްދުކޮށް، އޭނާގެ އާ ފެށުމަށް ހެޔޮއެދުންތައް ފޮނުވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.