އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް 2028ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު މެލޭޝިއާގައި ކުޅުނު ގްރޫޕް ބީގެ މެޗުގައި ސައުދީ އަރަބިއްޔާއާ ވާދަކޮށް 125ލަނޑުގެ ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެއެވެ.
މެލޭޝިއާގެ ވައިއެސްޑީ-ޔޫކޭއެމް ކްރިކެޓް އޯވަލްގައި ކުރިއަށްދިޔަ މި މެޗުގެ ގުރުއަތު ކާމިޔާބުކޮށް ސައުދީން ފުރަތަމަ ކުޅެން އަރައި ފަސް ވިކެޓަށް ވަނީ 194ލަނޑު އެއްކޮށްފައެވެ. މި ބޮޑު ސްކޯއާ ދެކޮޅަށް ރާއްޖެއިން ކުޅެން ނުކުމެ 17.1އޯވަރުގެ ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 69ލަނޑެވެ.
މި މެޗުގައި ސައުދީ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކައިދިނީ ނުބައިނުވެ 100ލަނޑު ހެދި މުޙައްމަދު އާތިފްއެވެ. އޭނާގެ މި ތާރީޚީ އިނިންގްސްގައި 58ބޯޅައިން ހަތަރަކަށް ފަސް ފަހަރު އަދި ހަޔަކަށް ހަތް ފަހަރު ޖަހާފައިވެއެވެ. އޭނާގެ އިތުރުން އުސްމާން ޚާލިދު 39ލަނޑު އަދި ވަޖީ އުލް ހަސަން 34ލަނޑު ހަދައި ސައުދީއަށް މުހިންމު ލަނޑުތަކެއް އެއްކޮށްދިނެވެ.
ދިވެހި ޓީމުން އުކުމުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ދެ އޯވަރުން 24ލަނޑަށް ދެ ވިކެޓު ނެގި އިގުބާލް ޝީރާޒްއެވެ. މީގެ އިތުރުން ހަރްޝާ އަމަރަސިންހަ، އަޒްޔާން ފަރުހަތު އަދި ނަޒްވާން އިސްމާޢީލް ވަނީ މިއިން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ކާމިޔާބުކޮށްފައެވެ.
ސައުދީގެ ވަރުގަދަ އުކުންތަކުގެ ކުރިމަތީގައި ދިވެހި ބެޓްސްމަނުންނަށް މާބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. ދިވެހި ޓީމުން އެންމެ ގިނަ ލަނޑު ހެދީ 18ލަނޑު ހެދި އަޒްޔާން ފަރުހަތުއާއި ނުބައިނުވެ 15ލަނޑު އެއްކުރި ޖަމާލް ޔާޕާގެ އިތުރުން 11ލަނޑު ހެދި މުޙައްމަދު ރިޝްވާންއެވެ. ސައުދީ ޓީމުން އުކުމުގައި ވެސް އެންމެ ވިދާލީ މެޗުގެ ތަރި މުޙައްމަދު އާތިފްއެވެ. އޭނާ ވަނީ އެންމެ 11ލަނޑަށް ރާއްޖޭގެ ހަތަރު ވިކެޓު ވައްޓާލާފައެވެ. އަދި ޒައިން އުލް އަބިދީން ތިން ވިކެޓު ނެގިއިރު ޢަބްދުލް ވަހީދު ވަނީ ދެ ވިކެޓު ނަގާފައެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ ހިމެނޭއިރު، ދެން މި ގްރޫޕްގައި ވާދަކުރަނީ ސައުދީގެ އިތުރުން ޗައިނާ، ސިންގަޕޫރު، ހޮންގް ކޮންގް އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިއާއެވެ. މިހާތަނަށް މި މުބާރާތުގައި ރާއްޖެއަށް މޮޅެއް ހޯދިފައި ވަނީ ހަމައެކަނި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.