ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރާއްޖޭގެ މައްޗަށް މެލޭޝިއާއިން ކުރިހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

މެލޭޝިއާގައި މިހާރު ކުރިއަށްދާ އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް 2028ގެ ސަބް ރީޖަނަލް ކޮލިފައިން މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ބަލިކޮށް، މެލޭޝިއާއިން ހަ ވިކެޓުގެ ތަފާތަކުން މުހިންމު މޮޅެއް ހޯދައިފިއެވެ.

މި މެޗުގެ ގުރުލުމަށް ފަހު މެލޭޝިއާއިން ނިންމީ ފީލްޑް ކުރުމަށެވެ. އެހެންކަމުން، ފުރަތަމަ ކުޅެން އަރައި ދިވެހި ޓީމަށް 20އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 125ލަނޑެވެ. މި ނަތީޖާ ބަދަލުކުރުމަށް ނުކުމެ، މެލޭޝިއާގެ ޓީމުން ވަނީ އެންމެ 8.5އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 127ލަނޑު އެއްކޮށް، މެޗުގެ ކާމިޔާބީ ކަށަވަރުކޮށްފައެވެ.

ރާއްޖޭގެ ފަރާތުން މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ 36ބޯޅައިން 47ލަނޑު ހެދި އިޤްބާލް ޝިރާޒެވެ. އޭނާ ވަނީ މި މެޗުގައި އެއްފަހަރު ހަތަރަކަށް އަދި ހަތަރުފަހަރު ހަޔަކަށް ޖަހާފައެވެ. އޭނާގެ އިތުރުން ޔޫސުފް އަޒްޔާން ވަނީ 25ބޯޅައިން 28ލަނޑު ޖަމާކޮށްދީފައެވެ. އަނެއްކޮޅުން މެލޭޝިއާ ޓީމުން އެންމެ މޮޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 13ލަނޑަށް ހަތަރު ވިކެޓު ނެގި ޕަވަންދީޕް ސިންގްއެވެ. އޭނާގެ އިތުރުން ވިޖޭ އުނީ ދެ ވިކެޓު އަދި ސައީދު އަޒީޒާއި ވީރަންދީޕް ސިންގް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ވިކެޓު ނަގާފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެއާއި މެލޭޝިއާގެ އިތުރުން ދެން ހިމެނެނީ ޗައިނާ، ސިންގަޕޫރު، ހޮންގް ކޮންގް އަދި ސައުދީ އަރަބިއްޔާއެވެ. ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޗައިނާގެ މައްޗަށް 10ވިކެޓުން ވަނީ ކުރިހޯދާފައެވެ. ނަމަވެސް އޭގެ ފަހުން ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ދެން ބާކީ އޮތީ ސައުދީ އަރަބިއްޔާ އަދި ހޮންގް ކޮންގްއާ ބައްދަލުކުރަން ޖެހޭ މެޗުތަކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު